ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި މުނިފޫހިފިލުވުމަށް ހާއްސަކޮށް ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނިގޮތުގައި، މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުމެވެ.

އެގޮތުން، މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިންގ އެލީއަކާއި، ގޭމިންގ އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖްތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެއެވެ. އަދި އެއާއެކު، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެފަދަ ގޮތަކަށް އެތަން ތަރައްގީކުރާއިރު، ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިންގ އޭރިއާއެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

ހަމަ އެހެންމެ މި މަޝްރޫއު ކުރިއަށްގެންދަނީ، އެ ސަރަހައްދުގެ ތިމާވެއްޓާއި، އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި، މާހައުލަށް މާބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

މި ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކަށާއި، ޒުވާނުންގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ފަތުރުވެރިން އަދި ރަށްރަށުން ޒިޔާރާތްކުރާ އެންމެންނަށްވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމުވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ ރުއްގަނޑު ދޭއް ތަރައްގީ ކުރުމަށް ނިންމާފައިވާ ގޮތުގެ ޕްލޭން

ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެކި ބޭނުންތަކަށް ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ، އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށްޓަކައި އެޗްޑީސީން މެދުކެނޑުމެއްނެތި އަންނަނީ މަސައްކަތް ކުރަމުންނެވެ.