ޖަޕާނު ސަރުކާރުން ރާއްޖެއަށް 9،000 ފޭސް މާސްކު ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ މި ތަކެއްޗަކީ މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޖަޕާނު ސަރުކާރުން ހަދިޔާކުރި ތަކެތި ކަމަށެވެ. އެ ތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް 9،000 މާސްކު ހަދިޔާކޮށްފައިވާއިރު ކޮރޯނާ ވައިރަސް އިން ދިފާއުވުމަށް ހުރިހާ އެންމެން މާސްކުއަޅަން ނުޖެހޭ ކަމަށާއި އެ ރޯގާއިން ސަލާމަތްވުމަށް ކުރަން ޖެހޭ މާ މުހިންމު ކަންކަން އެބަހުރި ކަމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފައެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މީގެކުރިން އިއުލާން ކުރުމާއި އެކުގައި ގިނަބަޔަކު މާސްކު ގަތުމުގެ މަސައްކަތް ފެށިއެވެ. އެކަމުގެ ސަބަބުން ބައެއް ތަންތަނުން މާސްކު ހުސްވިއެވެ. އަދި މާސްކުގެ ޑިމާންޑު ބޮޑުވުމުން މާސްކުގެ އަގުވެސް ބޮޑުވެގެން ދިޔައެވެ. މިކަމާއި ގުޅިގެން ޑރ. އަލީ ލަތީފް ވިދާޅުވީ އެއްވެސް ކަހަލަ ރޯގާގެ އަލަމާތެއް ނުފެންނަނަމަ މާސްކު އަޅަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެެވެ.

ޖަޕާނުން މާސްކުތަކެއް ރާއްޖެ ހަދިޔާކޮށްފައިވާއިރު، އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ވެސް ވަނީ މާސްކުތަކެއް ރާއްޖެ ގެނެސްފައެވެ. އަދި ރާއްޖެ އަށް ބޭނުންވާ ވަރަށް މާސްކު މިހާރު އެބަހުރި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.