ގއ. ކަނޑުހުޅޫދޫ އިން އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.
އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން އިތުރު 15 ދުވަސް ކޮންމެ މީހަކަށް ކޯޓުން ވަނީ ޖަހާދީފައެވެ. މީގެކުރިންވެސް ކޯޓުން މި ދެމީހުންގެ ބަންދަށް ޖަހައިދިނީ 15 ދުވަހެވެ. ޖިންސީ ގޯނާގެ މައްސަލައިގައި އެ ދެމީހުން ކަނޑުހުޅުދޫ އިން ހައްޔަރު ކުރީ މިދިޔަ މަހު 16 ވަނަ ދުވަހު އެވެ. އަދި އެފަހުން އެމީހުންގެ ބަންދަށް 15 ދުވަސްޖެހީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފައަކީ 62 އަހަރުގެ މީހެކެވެ. އަދި މުނިކާފައަކީ 82 އަހަރުގެ މީހެކެވެ. ކުއްޖާގެ ކާފައަކީ މީގެކުރިންވެސް މިފަދަ އިތުރު މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. ނަމަވެސް އުމުރަށް ބެލުމަށްފަހު ފުލުހުން އެމީހާ ދޫކޮށްލިއެވެ.
އެނގިފައިވާގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރި 33 އަހަރުގެ އެ ކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެ އެވެ. ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި އޭނާ ދިރުއެޅުމުން އައި ފްލެޓުން މިދިޔަ މަހު 17 ވަނަ ދުވަހު އެވެ.
މިކަމާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ. އަދި ބައްޕައަކަށް ކުރެވެނީ އިހުމާލުވިކަމުގެ ތުހުމަތެވެ.