އުމުރުން ދެއަހަރު ނުވާ ކުޑަ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ތުހުމަތުމަތު ކުރެވޭ، އެ ކުއްޖާގެ ކާފަ އާއި މުނި ކާފަގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އެ ދެ މީހުން އިންކާރު ކޮށްފިއެވެ. އެމީހުން އިންކާރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ނަމަވެސް އެކަން ހާމަވެފައި ވަނީ މިއަދުއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޭއްވި ދެ އަޑުއުމުގައިވެސް އެ ދެ މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައި ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެ ދެ މީހުންގެ މައްސަލައިގެ އިބްތިދާއި އަޑުއެހުމެއް ފެބްރުއަރީ 24ގައި ކްރިމިނަލް ކޯޓުގައި ވަނީ ބޭއްވާފައެވެ. އޭގެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ މާޗް މަހުގެ 16 ވަނަ ދުވަހު ކަމަށައި ދެން އަޑުއެހުމނެއް ބެއްވޭނެ ތާރީހެއް އަދި ޝެޑިއުލް ކޮށްފައި ނުވާ ކަމަށެވެ.

އެ އަޑުއެހުމުގައި އެ ދެ މީހުންވެސް ވަނީ ވަކީލުން ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފައެވެ. އެ މައްސަލައަކީ ކުޑަކުއްޖެއްގެ ކަރާމާތާ ގުޅޭ ވާހަކަތަކެއް ހިމެނޭ މައްސަލައެއް ކަމުން އެފަދަ އެހެން މައްސަލަތަކެކޭ އެއްގޮތަށް އެ މައްސަލަވެސް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، 62 އަހަރުގެ އިބްރާހީމް ދީދީއާ މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، 82 އަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް، ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ދެ މީހުންގެ މައްޗަށް ރޭޕް ކުރި މައްސަލައިގައި ދައުވާ ކުރި އިރު، ފެބްރުއަރީ 27 ވަނަ ދުވަހު ކުޑަކުއްޖާގެ މައިންބަފައިންނަށް ވަނީ އިހުމާލުގެ ދައުވާކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ މުނި ކާފައަކީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ. 2018 ވަނަ އަހަރު އޭނާގެ މައްސަލައެއްގައި ވަނީ ދައުވާ އުފުލާފައެވެ. އަދި މި މައްސަލަ ކޯޓާ ހަމައަށް ގޮސް ވަނީ މަޑުޖެހިފައެވެ.