ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.
އެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވަނީ މާދަމާ މެންދުރު އެކެއް ޖަހާއިރުއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، 62 އަހަރުގެ އިބްރާހީމް ދީދީއާ މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، 82 އަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް، ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
މީގެ ކުރިން މި މައްސަލައިގައި ދެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. އެއީ މިދިޔަ ފެބްރުއަރީ 24 ގައި ބޭއްވި އިބްތިދާއީ އަޑުއެހުމާއި މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމެވެ. އެ އަޑުއެހުމުގައި އެ ދެ މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައި ކަަމށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
2 އަހަރު ކުއްޖާގެ މައްސަަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ. އަދި ބައްޕަގެ މައްޗަށް ކުރެވެނީ އިހުމާލުވިކަމުގެ ތުހުމަތެވެ. އެގޮތުން ފެބްރުއަރީ 27 ވަނަ ދުވަހު ކުޑަކުއްޖާގެ މައިންބަފައިންނަށް ވަނީ އިހުމާލުގެ ދައުވާކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ މުނި ކާފައަކީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ. 2018 ވަނަ އަހަރު އޭނާގެ މައްސަލައެއްގައި ވަނީ ދައުވާ އުފުލާފައެވެ. އަދި މި މައްސަލަ ކޯޓާ ހަމައަށް ގޮސް ވަނީ މަޑުޖެހިފައެވެ.
މި މައްސަލައިގައި ތަހުމަތު ކުރެވޭ ދެވަނަ ފަރާތްކަމަށްވާ ކުއްޖާގެ ކާފަ އަކީ އެ ރަށު މިސްކިތު މުދިމެވެ. އޭނާގެ މުދިންކަމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ސަސްޕެންޑް ކޮށްފައެވެ.