ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ބްރައިޓަންއާ މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 5-0 އަކުން ސިޓީ ކާމިޔާބުކޮށްފިއެވެ. މިއީ 5-0 ގެ ސްކޯލައިނަކުން ސިޓީ ޖެހިޖެހިގެން މޮޅުވި ދެވަނަ ފަހަރެވެ.

މި މެޗުގައި ސިޓީގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާފައިވަނީ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގްއެވެ. މިއާއެކު އޭނާ މިވަނީ މުޅި ސީޒަންގައި އެކި މުބާރާތްތަކުގައި ސިޓީއަށް 27 ގޯލު ޖަހާދީފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ސްޓާލިންގް ކާމިޔާބުކޮށްދިނީ 21 ވަނަ މިނެޓްގައި ގެބްރިއަލް ހެސުސް ދިން ރީތި ޕާހެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ސިޓީއަށް އިތުރު ލަނޑު ޖަހަން ގިނަ ފުރުސަތު ތަކެއް ލިބުނު އިރު މެޗުގެ 44 ވަނަ މިނެޓްގައި ސްކޯ 2-0 އަށް ހަދާ ދިނީ ހެސުސްއެވެ.

ރޭގެ ކާމިޔާބީއާއެކު ސިޓީ ވަނީ ޖެހިޖެހިގެން ދެ މެޗުން 5-0 އަކުން މޮޅުވެފަ

ދެވަނަ ހާފްގައި ސިޓީއިން ތިން ލަނޑު ޖެހި އިރު މީގެ ތެރެއިން ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓާލިންގްއެވެ. އަދި ތިން ވަނަ ލަނޑު ޖަހާ ދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބަނާޑޯ ސިލްވާއެވެ.

ރޭގެ މެޗުން މޮޅުވެ ސިޓީއަށް ލިބުނު ތިން ޕޮއިންޓާއެކު ހަތް ދިހަ ޕޮއިންޓް ލިބި ދެވަނަ ގާތްގަނޑަކަށް ކަށަވަރުވެފައި ވީ ނަމަވެސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެ ކަމާ މެދު އަދި ސުވާލުތައް އެބަހުއްޓެވެ. ހާއްސަ ގޮތެއްގައި ސިޓީއިން ޔޫއެފްއާގެ މާލީ ޤަވައިދުތަކާ ޚިލާފަށް މުޢާމަލާތްތައް ކޮށްފައިވާ ކަމަށް ބުނެ ކުރިއަށް އޮތް ދެ ސީޒަންގައި ޗެމްޕިއަންސް ލީގުގައި އެޓީމަށް ވާދަ ނުކުރެވޭނެ ކަމަށް ޔޫއޭފްއާ އިން ވަނީ ނިންމާފައެވެ. މި ނިންމުން ސިޓީއިން އިސްތިއުނާފަށް ހުށަހަޅާފައިވާ އިރު މިކަމުގައި ދެން ގޮތެއް ނިންމާނީ ހޯމަދުވަހުއެވެ.

ރޭގެ މެޗުން ބަލިވި ބްރައިޓަން މިހާރު އޮތީ ތާވާލުގެ އެންމެ ފުލުގެ އޮތް ތިން ޓީމާ 8 ޕޮއިންޓް ދުރުގައެވެ. އަދި ބާކީ ކުޅެން އޮތް ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން އެޓީމަށް އަންނަ ސީޒަންގައި ޕްރިމިއާ ލީގުން ޖާގައެއް ކަށަވަރުވާނެއެވެ.