އިއްޔެ ހެނދުނު ވަޅަށް ވެއްޓި، މަރުވި 4 އަހަރުގެ ކުއްޖާއަކީ މިއަހަރު ކުރީކޮޅު ގއ. ކަނޑުހުޅުދޫގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި 2 އަހަރުގެ އަންހެން ކުއްޖާގެ ބޭބެ ކަން ހާމަވެއްޖެއެވެ.

'ދަ ޕްރެސް' އަށް މިކަން ކަށަވަރު ކޮށްދީފައި ވަނީ އެ ރަށުގެ ރައްޔިތެކެވެ. އޭނާ ބުނީ، އެ ކުއްޖާގެ އެއް ބަނޑު ދެ ބޭބެއިން ތިބޭ ކަމަށެވެ. އެއީ 4 އަަހަރުގެ އެއްބާނޑު ދެ ފިރިހެން ކުދިންނެވެ. އެގޮތުން އިއްޔެ ވަޅަށް ވެއްޓިގެން މަރުވެފައި ވަނީ އޭގެތެރެއިން އެއް ކުއްޖެއް ކަމަށް އެ ފަރާތުން ބުނެއެވެ.

އެކުއްޖާ ވަޅަށް ވެއްޓި މަރުވެފައިވާ މައްސަލަަ ފުލުހުންނަށް އިއްޔެ ރިޕޯޓުކޮށްފައި ވަނީ ހެނދުނު 11:00 ހާއިރުއެވެ. އަދި ފުލުހުން ބުނެފައި ވަނީ މަރުވެފައިވާ 4 އަހަރުގެ ފިރިހެން ކުއްޖާއަކީ ކަނޑުހުޅުދޫ ކުއްޖެއް ކަމަށެވެ. އެކުއްޖާ އޭރު ވަޅުތެރޭގައި އޮތްތާ ބައި ގަޑިއެއް ހާއިރު ވެދާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. މި ކަމާ ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.

2 އަހަރު ކުއްޖާގެ މަންމަ ކުރިން ކުރި ކައިވެނީގައި އޭނާއަށް ވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިފައެވެ. އެ ދެކުދިން ކުރިން ދިރިއުޅެމުން އައިސްފައިވަނީ އެ އަންހެންމީހާގެ އާއިލާގެ ބައެެއްގެ ކައިރީގައެވެ. ނަމަވެސް 2 އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވެ މައްސަލަ ބަލަން ފެށުމުން އެ ދެ ފިރިހެން ކުދިން ތިބީ ފަހުން މައިންބަފައިން ކައިރީ މާލޭގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކޮވިޑްގެ ހާލަތު އައުމާ އެކު އޭނާ ވަނީ ދެކުދިން ގޮވައިގެން ރަށަށް ގޮސްފައެވެ.

މި އަހަރުގެ ކުރީކޮޅު 2 އަހަރުގެ އަންހެން ކުއްޖަކަށް އާއިލާގެ ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައަކީ ގިނަ ބައަކަށް ސިހުން ލިބިގެން ދިޔަ ވާހަކައެކެވެ. އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފައާއި މުނި ކާފައަށް ތުހުމަތު ކުރެވޭ އިރު ކުއްޖާގެ މަންމައާއި ބައްޕައަށް ވަނީ އިހުމާލުވުމުގެ ތުހުމަތެވެ. މި ދެ މައްސަލަ ދަނީ އަދިވެސް ބަލަމުންނެވެ.