ޗައިނާގެ ވުހާން ސިޓީން ފެނުނު ނުރައްކާތެރި އާ ރޯގާ، ކޮރޯނާ ވައިރަސް އަށް ޝައްކުވާ މީހުން ހުޅުމާލޭގައި އެކަހެރިކޮށް ކަރަންޓީން ކުރުމަަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވަނީ ހިމަބިއްސަށް ޝައްކުކުރެވޭ މީހުން އެކަހެރި ކުރުމަށް ހަދާފައިވާ ފެސިލިޓީ ދެން ބޭނުންކުރާނީ ކޮރޯނާ ވައިރަސްގެ އަލަށް ފެނުނު ވައްތަރު ހުރި ކަމަށް ޝައްކުރެވޭ މީހުން ބޭތިއްބުމަށް ކަމަށް ބުނެފައެވެ. ހިމަބިހި ޖެހޭ މީހުން އެކަހެރި ކުރުމަށް ހަމަޖެއްސި ތަނަކީ ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އަޅާފައިވާ، ބޭނުން ކުރަން ނުފަށާ ހުރި ޕްރީސްކޫލެކެވެ.

ޝުޖާއު ވިދާޅުވީ ނުރައްކާތެރި ބައްޔަކަށް ޝައްކުވާ މީހުން ހުޅުމާލޭގައި ބައިތިއްބަން ސަރުކާރުން ނިންމުމަކީ ހުޅުމާލޭގެ ރައްޔިތުންނަށް އިންތިހާއަށް ނުރައްކާ އޮތް ކަމެއް ކަމަށެވެ، މިއީ ހުޅުމާލެ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށާއި ހުޅުމާލެ ރައްޔިތުންނަށް ހައްގު ވަނީ ނުރައްކަލުން ސަލާމަތްވެ ތިބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސްގެ އާ ވައްތަރު، ގައިންގަަޔަށް އަރާގޮތަށް ބަދަލުވެެ، އެހެން ގައުމުތަކަށް ވެސް މިހާރު ދަނީ ފެތުރެމުންނެވެ. އެހެންވެ، ރާއްޖެއަށް އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ރާއްޖެ އަށް މީހުން އެތެރެވާ އެއާޕޯޓްތަކާއި ބަނދަރުތަކުގައި ވަނީ ފަށައިފައެެވެ. މީހުން ސްކްރީން ކުރުމަަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުން ކުރަމުން އަންނަނީ މީހުންގެ ޓެމްޕަރޭޗަރު ދެނެގަންނަ، ތާމަލް ކެމެރާ އެކެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖެއަކީ އެކި ގައުމުތަކުން މީހުން ޒިޔާރްތަކުރާ ގައުމެއް ކަމަށާއި ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓާ ހިސާބުން ކުރަންޖެހޭ މަސައްކަތްތަައް އިސްކަން ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއަށްފަހު މި ވައިރަސްއާ ބެހޭ ކަމެއް ފެނިއްޖެކަމަށްވާނަމަ ދެން އަމަލު ކުރަންޖެހޭ ގޮތަތަކާ މެދުވެސް މިހާރު އެޗްޕީއޭ އާއި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ވާހަކަ ދެކެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ހުރި ވަސީލާތްތަކަށް ބަލާއިރު މިހާރު ސްކްރީން ކުރުން ފަށައި ގަންނަނީ އެއް ކެމެރާއާއެކު ކަަމަށާއި ކުރިއަށް އޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި ކެމެރާތައް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއާޕޯޓަށްފަހު ދެން އެންމެ އަވަހަށް ސްކުރީން ކުރަން ފަށާނީ އައްޑޫ ސީޓީގައި ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އެންޓްރީ ޕޯޓުތަކުން ސްކްރީންކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އަމީން ވިދާޅުވެފައިވެއެވެ.

އަމީން ވިދާޅުވީ، މި ވައިރަސްއަށް ސަަސްޕެކްޓް ކުރެވޭ ފަރާތެއް ފެނިއްޖެ ކަމަށް ވާނަމަ އައިސޮލޭޓްކުރުމަށް ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެހިފައި ކަމަށެވެ. އެގޮތުން އެއާޕޯޓުގައި އައިސޮލޭޝަން އޭރިއާއެއް ފާހަގަކުރެވި އެ އައިސޮލޭޝަން ތެރޭގައި ކަންކަން ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.