ކޮވިޑް-19ގެ ހާލަތާ ގުޅިގެން އާންމު ހިދުމަތްތައް ފޯރުކޮށް ދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި މާލެ އިން ރަށްރަށަށް ދާ މީހުން، ފަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ދާނަމަ ކަރަންޓީން ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ދެވޭ އާންމު ހިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ބޭނުންވާ ކަމަށެވެ.
އެގޮތުން އެއުސޫލުގެ މަގްސަދަކީ ކަރަންޓީނު ވުމަކާ ނުލާ އެފަދަ މަސައްކަތް ކުރާ ފަރާތްތައް 5 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ރަށްރަށަށް ގޮސް މަސައްކަތް ކުރުމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދިނުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންވާނެ ކަމަށާއި އަދި ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އެކަމުގެ މައުލޫމާތު ދޭންވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ވަނީ ރިސޯޓްތަކަށް އާންމު ހިދުމަތްތައް ދިނުމަށް ދަތުރުކުރާނަމަ އެޗްޕީއޭގެ "ޕަބްލިކް ހެލްތު އިންޓަވެންޝަންސް ޓް ޕްރިވެންޓް ކޯވިޑް-19 ޓްރާންސްމިޝަން އިން ދަ ޓުއަރިޒަމް ސެކްޓާ" ގައިޑްލައިންއާ އެއްގޮތަށް އަމަލު ކުރުމަށް އަންގާފައެވެ.
އެޗްޕީއޭ އިން މިމަހުގެ 17 ވަނަ ދުވަހު ނެރުނު އުސޫލެއްގައި ބުނެފައިވާ ގޮތުގައި ބަލި އޮތް ރަށަކުން އެހެން ރަށަކަށް ކުރު މުއްދަތަކަށް ދަތުރު ކުރެވިދާނެއެވެ. އެހެން ނަމަވެސް ކުރު މުއްދަތަކީ ކިހާ ދުވަހެއް ކަމެއް އެ އުސޫލުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
މާލެއިން ރަށްރަށަށް ދާ ފަރާތްތަކުން، 14 ދުވަހުގެ މުއްދަތަކަށް ގޭގައި ކަރަންޓީނުވާން ޖެހެއެވެ. އަދި ކަރަންޓީނު ވުމަށްފަހު، އެ ފަރާތަކަށް ރަސުތެރޭގައި އުޅުމުގެ ހުއްދަ ދޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް، ސާމްޕަލްގެ ނަތީޖާ ލިބުމުންނެވެ.