ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ދިމާވެފައިވާ ހީނަރުކަމާ ގުޅިގެން، ޔުނިވާސަލް އެންޓަޕްރައިސަސްގެ ރިސޯޓުތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް ވަގުތީގޮތުން ހިންގުން މެދުކަނޑާލައި ރިސޯޓުގެ މުވައްޒަފުންނަށް ހާއްސަ ޕެކޭޖަކާއެކު ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.
ޔުނިވާސަލުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ދިމާވެފައިވާ އިގްތިސޯދީ ހީނަރުކަން ރާއްޖެއަށް ކޮށްފައިވާ އިރު އެ ކުންފުންޏަށްވެސް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ދަށުން ހިންގަމުންދާ ރިސޯޓުތައް ހިންގުން އަންނަ އޭޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް ޔުނިވާސަލުން ބުނެއެވެ.
ހަމައެއާއެކު އެ މުއްދަތުގައި މުވައްޒަފުންނަށް ހާއްސަ ޕެކޭޖަކާއެކު މުސާރަ ލިބޭގޮތަށް ތިން މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ޔުނިވާސަލުން ނިންމައިފިއެވެ. އަދި ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތާއި މިހިނގާ މަހުގެ ސާވިސްޗާޖާއި މުސާރަ އުނިކުރުމެއް ނެތި ހުރިހާ މުވައްޒަފުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ދެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މިގޮތަށް ނިންމާފައި ވީ ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކޮށް އަދި ހިންގުންވެސް މުޅިން ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޔުނިވާސަލުން ބުނެއެވެ. އަދި ކުންފުނީގައި މިވަގުތު މަސައްކަތްކުރާ 3200 މުވައްޒަފުންނަކީ ކުންފުނީގެ ރައުސުލްމާލު ކަމަށް އެފަރާތުން ބުނެއެވެ.
ހަމައެއާއެކު މިފަދަ ކާރިސާތަކުގައި އެ ކުންފުނިން ކޮންމެ ނިންމުމެއްވެސް ނިންމާފައި ވަނީ ރާއްޖޭގެ އިގްތިސޯދަށާއި ކުންފުނީގެ ދެމިއޮތުމަށާއި މުވައްޒަފުންގެ ވަޒީފާ ހިމާޔަތް ކުރުމަށް އިސްކަން ދީގެން ކަމަށް އެފަރާތުން ބުނެއެވެ.
ޔުނިވާސަލް އެންޓަޕްރައިސަސް އަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދެމުންދާ އެންމެ ގިނަ ދުވަސްވީ އެއް ކުންފުންޏެވެ. ޔުނިވާސަލް ކޮމްޕެނީ އުފެދިފައިވަނީ 1978 ވަަނަ އަހަރުގެ ތެރޭގައެވެ.
ޔުނިވާސަލް ކުންފުނީގެ ދަށުން ހިންގާ ބައެއް ރިސޯޓުތަކުގެ ތެރޭގައި ކުރުނބާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ހުވަފެންފުށި ރިސޯޓް، ބަރޮސް އައިލެންޑް ރިސޯޓް، ކުރަމަތި އައިލެންޑް ރިސޯޓް، މިލައިދޫ އައިލެންޑް މޯލްޑިވްސް ހިމެނެއެވެ.
ރާއްޛޭގައި ކޮވިޑް-19 އަށް 13 މީހުން ޕޮޒިޓިވް ވެފައި ވާއިރު ކުރަމަތި އައިލެންޑް ރިސޯޓުން ވަނީ 2 ދެ ބިދޭސީން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިހާތަނަށް މިބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.