ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް އާ ކޭސްތައް ފެންނަމުންދާނަމަ އެ ކޭސްތަކުގެ ވާހަކަ ނުފޮރުވުމަށާ، ވީހާވެސް ހާމަކަން ބޮޑު، ދެފުށްފެންނަނިވި އުސޫލަކުން މަސައްކަތް ކުރުމަށް، ޗައިނާގެ ބޮޑުވަޒީރު ލީ ކީގިއާންގް، އެގައުމުގެ ސަރަހައްދީ އޮފިޝަލުންނަށް ގޮވާލައްވައިފިއެވެ.

ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ދަރަޖާގައި އޮތް ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާގެ ބޮޑުވަޒީރު މިފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައި މިވަނީ، ޗައިނާގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ކޮވިޑް-19 ވާރުތަވެ، ބައްޔަށް ޕޮޒިޓިވްވަމުން ނުދާކަމުގެ ޚަބަރުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ދެވަނަ އަށް އެންމެ އިސް މަގާމުގައި ހުންނެވީ ލީ މިފަދަ އަމުރެއް ނެރުއްވާފައިވާއިރު، މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު ޗައިނާއިން ކޭސްތައް ފޮރުވަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އާންމުންގެ އިތުބާރު ގެއްލިފައި އޮތް އޮތުން ބަދަލުކުރެއްވުމަށް ލީ ކުރެއްވި އަމުރުފުޅެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު ވައިރަސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 194 ގައުމަކަށް ފެތުރިފައިވާއިރު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ވޫހާން ތެރޭގައި އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ފެއިލްވިކަމަށް ސިފަކޮށް، އެގައުމުގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުންނެވެ.