އިސްލާމް ދީނުގެ އުސޫލީ މައްސަލަތަކުގައި ހިލާފު އުފައްދާ، އެމަގަށް މަސައްކަތް ކުރުމަކީ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަހާބީންގެ ދުވަސްވަރުގައިވެސް ދީނުގެ ފަރުއީ މައްސަލަތަކުގައި ހިލާފް ހުރި ކަމަށެވެ. އަދި އެއީ އިސްލާމީ މުޖުތަމައު ބައިބައިވާންޖެހޭ ކަމެއް ނޫން ކަމަށެވެ. "ހަމަ އެހެންމެ ދީނުގެ އުސޫލީ މައްސަލަތަކުގައި ހިލާފު އުފައްދާ އެމަގަށް މަަސައްކަތް ކުރުމަކީ ވަރަށް ނުރައްކާތެެރި މައްސަލައެއް،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން މިގޮތަށް ޓްވީޓް ކުރައްވާފައި މިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

އިމްރާން މިގޮތަށް ޓްވީޓް ކުރައްވާފައި ވާއިރު، އެޗްޕީއޭގެ އެދުމުގެ މަތިން އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން އެދުނުކަން ފާހަގަކޮށްލެވެއެވެ. އެޗްޕީއޭގެ ސިޓީ ބާތިލްކޮށް އެކަމުގައި ލަފާ ހޯދުން ހުއްޓާލުމަށް ހެލްތް މިނިސްޓްރީން މަސައްކަތް ކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލް ކުރުމަށް އެދި ހެލްތް މިނިސްޓްރީން އަންގާފައި ވާކަން ހާމަކޮށް ބުނެފައިވަނީ އަންހެނުން ހިތާން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށާއި އެއީ ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށެވެ.