ދެހާސް ވިހިވަނަ އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ގިނަ ކަންކަން ހިނގާނެ އަހަރެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިޒޯންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއާ ސިއްހާ ދާއިރާ ތަރައްގީ ކުރުމަށް ޗައިނާގެ ފަރާތުން އެހީތެރިވެދޭނެ ކަމަށެވެ. އަދި ހަމައެއާއެކު ދަނޑިވެރިކަމުގެ ދާއިރާއިންވެސް ރާއްޖެއަށް ޗައިނާގެ ފަރާތުން އެހީތެރިވާނެ ކަމަށް ސަފީރުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އޭނާގެ ޓްވީޓުގައި ވަނީ ދެގައުމު ގުޅިގެން އެ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

ޗައިނާ ސަފީރު މިފަދައިން ވިދާޅުވެފައި ވާއިރު މި އަހަރުގެ ތެރޭގައި ޗައިނާއާއެކު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ތެރޭގައި އެ މަޝްރޫއާއި ދެ ފަރާތައް ފައިދާވާ އެހެން މަޝްރޫއުތަކުގައި ވެސް ޗައިނާއާ ގުޅިގެން އިތުރަށް ކައިރިން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ އެ ޓްވީޓައް ޖަވާބު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކަންކަން އަންނަން އެބަހުރި ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.