މާފުށި ޖަލުގައި ގައިދީންނަށް ފޯރުކޮށްދޭން ޖެހޭ ހައްގުތައް ކަށަވަރު ނުކޮށްދޭ ކަމަށްވާ ނަމަ ހަޅުތާލު ކުރުން ހުއްޓާ ނުލާނެ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ހަޅުތާލު ކުރާނެ ކަމަށް ގައިދީން ބުނާ ވާހަކަތަކެއް ހާމަވެއްޖެއެވެ.
ހާމަވެފައިވާ ބައެއް ވާހަކަތަކުގައި ބުނަނީ ޖަލު އޮފިސަރުންގެ ފަރާތުން އެމީހުންނަށް އަނިޔާތައް ލިބެމުން ދާ ކަމަށެވެ. އަދި ޖަލުގައި ހިނގާނީ ޖަލު އޮފިސަރުންގެ ބާރު ކަމަށާއި ގައިދީންނަށް އެއްކަމެއްވެސް ނުކުރެވޭނެ ކަަމަށް އޮފިސަރުން ބުނާކަމަށް ވެއެވެ. އަދި ޖަލުތަކުގެ ވެރިޔާ އަބްދުﷲ މުނާޒު ހުންނެވީ ޖަލު އޮފިސަރުންނާ އެކުގައި ކަމަށްވެސް އެވާހަކަތަކުގައި ވެއެވެ.
އެވާހަކަތަކުގައި އިތުރަށް ބުނެފައިވަނީ މިދިޔަ އަހަރު ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޖަލުގެ ކަންކަން ރަނގަޅު ކުރާނެ ކަމަށް ކޮމިޝަނަރު އަބްދުﷲ މުނާޒު ވިދާޅުވި ނަމަވެސް އެއްކަމެއްވެސް ރަނގަޅު ނުކުރާ ކަމަށެވެ.
ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ކަރެކްޝަނުން ބުނީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ ގައިދީންތަކެއް ބަލާ ފަސްކުރި އިރު ޖަލުތަކުގެ ވެރިޔާ މުނާޒު އަދި ފުލުހުންގެ ދެ އޮފިސަރުން ތިއްބެވި މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ.
އެ ވީޑިއޯއާ ގުޅޭ ގޮތުން ކަރެކްޝަންސްއިން ބުނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް މުނާޒު އަދި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު އާސިފް ޖަލަށް މިއަދު ޒިޔާރަތްކުރެއްވީ ރިމާންޑުގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް ކަމަށެވެ. އޭގެ އިތުރުން ފުލުހުންގެ ދެ އޮފިސަރުން ޖަލަށް ޒިޔާރަތްކުރީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން މީހުން އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް މި ވާހަކަތަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ފުލުހުން މާފުށީ ޖަލަށް މިއަދު ގޮސްފައިވަނީ ބައްދަލުވުމަކަށް ކަމަށާއި އޮޕަރޭޝަނަލީ އެއްވެސް ކަމެއްގައި ފުލުހުން މާފުށީ ޖަލުގައި ހަރަކާތްތެރިވެފައި ނުވާ ކަމަށެވެ.