މާފުށީ ޖަލުގައި ޖަލު އޮފިސަރުންގެ ގަޔަށް ލޮނުމިރުސް ފެން ޖަހާ ހަމަނުޖެހުން ހިންގައިފިއެވެ.

މި ހަމަނުޖެހުން ހިނގާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރިމީހަކު، އޭނާ ބަހައްޓާފައި ހުރި ގޮޅިން ބޭސް ދިނުމަށް ނެރުނު ވަގުތުއެވެ. އަދި އޭނާ ޖަލު އޮފިސަރެއްގެ ގައިގައި ޖެހި ކަމަށް ބުނެ ޖަލު އޮފިސަރަކު އޭނާ އަށް ހަމަލާދީފައިވާ ކަމަށްވެސް އެނގިފައިވެއެވެ. މައްސަލަ ހޫނުވީ އޮފިސަރު ގައިދީ ގައިގައި ޖެހުމުން ކަމަށްވެސް އެނގިފައިވެއެވެ.

އަދި ޖަލު އޮފިސަރު ހަމަލާ ދިނުމުން ގައިދީން ވަނީ ޖަލު އޮފިސަރުގެ ގަޔަށް ލޮނުމިރުސް ފެން ޖަހާފައެވެ. މައުލޫމާތު އެނގޭ ފަރާތަކުން ބުނީ ކަރެކްޝަން އޮފިސަރެއްގެ ގަޔަށް ލޮނުމިރުސް ޖަހާފައި ވަނީ ގައިދީއަކު ޑޮކްޓަރަށް ދައްކަން އެދުމުން އެކަން ކޮށް ނުދިނުމުންނެވެ. ނަމަވެސް އެ ގައިދީ ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓު ކޮށްފައެއް ނުވެއެވެ.

ޖަލުގައި ގެންދަނީ ބޭސް ފަރުވާ ދިނުމަށާއި ޖަލުގެ ހާލަތު ރަނގަޅުކުރުމަށް ގޮވާލައި އަޑުގަދަވެސް ކުރަމުންނެވެ.މި ހަމަނުޖެހުންތަކާއި ގުޅިގެން ރިމާންޑު ޖަލުގައި ތިބި މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ވަނީ ފަށައިފައެވެ. މި މައުލޫމާތާއި ގުޅިގެން ކަރެޝްޝަންސްގެ މީޑިއާ އޮފިސަރަށް "ދަޕްރެސް"އިން ގުޅުމުން ފޯނު ނުނަންގަވާތީ ކަރެކްޝަންގެ ބަހެއް އަދި ނުލިބެއެވެ.