މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަޝްވަރާ ކޮމިޓީ އެކުލަވާލައިފިއެވެ.

އެމްއާރްއެމުން ބުނީ މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްޤީކުރުމުގައި، ޕާޓީގެ ރައީސްއަށް ލަފާދެއްވާ މަޝްވަރާ އެރުވުން ކަމަށެވެ.

މަޝްވަރާ ކޮމިޓީ އެކުލަވާލައިފައި ވަނީ 12 ބޭފުޅުންގެ މައްޗަށެވެ. އެ ބޭފުޅުންގެ ތެރޭގައި އެކި ފަންނުތަކުގައި ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެ ކޮމެޓީގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އައްބާސް އިބްރާހީމާއި ކުރީގެ ވަޒީރު އުމަރު ޒާހިރު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. މީގެއިތުރުން އަމީނިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލުގެ ވެސް ޕްރިންސިޕަލްކަން ކުރައްވާފައިވާ ވަފާ ވަހީދާއި ފުޓުބޯޅަ ކޯޗު އަލީ ސުޒައިން އާއި ފިލްމީ ތަރި ނިއުމާ މުހައްމަދު ވެސް ހިމެނެ އެވެ.

އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ 20 ނޮވެންބަރ 2019 ވަނަ ދުވަހުގަ އެވެ.

އެމްއާރްއެމް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް އެމްއާރްއެމް އުފެއްދުމަށް އާ ހުއްދައެއް މިދިޔަ މޭ މަހުގެ ތެރޭގައި މިނިސްޓަރު ޔުމްނާ އަށް ވަނީ ދީފައެވެ.

ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮއާއެކު ހުށަހަޅަން ޖެހޭނެއެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެއެވެ.

އެހެންކަމުން އެމްއާރްއެމަށް އީސީން ދޫކުރެވިފައިވާ ހުއްދައިގެ ދަށުން 3313 ފޯމާއެކު ރަޖިސްޓްރީ ވާން އެ ޕާޓީން ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.