ކްރިމިނަލް ކޯޓު މިހާރު ހިންގެވުން ހަވާލު ކޮށްފައިވާ ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ ނުބަލާ ގާޒީ އަލީ ރަޝީދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ނުހިމެނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
މިއަދު މެންދުރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަމިއްލަ ފަރާތަކުން ގާޒީ އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި އޮންނަތާ ހަފްތާއެއްހާ ދުވަސް ވެފައި ވާއިރު އެ މައްސަލަ ބަލަން ޖޭއެސްސީން ނޫޅޭތީ ކަންބޮޑުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހުންނެވިއިރު ރައީސް ޔާމީން "ކޮންމެހެން ޖަލަށްލާން ޖެހޭނެ" ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ.
"އޭނާ [ގާޒީ އަލީ ރަޝީދު] އާ ގުޅޭ އަޑުތައް ފެތުރިފައި އޮތީމަ އާ އެކީގައި އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކޭ އެއީ އަލީ ރަޝީދު ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނުން. އެހެންވީމާ މިހާރުން މިހާރަށްވެސް އަޅުގަނޑުމެން ޖޭއެސްސީއަށް ގޮވާލަން ތިބޭފުޅުން ތި ބާއްވަވާ ކުއްލި ބައްދަލުވުންތައް ބާއްވަވާފައި އަލީ ރަޝީދު މި ބެންޗުން ނަންގަވާށޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އަލީ ރަޝީދު އެ ބެންޗުން ނެގުމަކީ މިވަގުތަށް އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށެވެ. މި ބައްދަލުވުމުގައި އިތުރަށް އަބްދުއްރަހީމް ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް ވެސް ގޮވާލައްވާފައެވެ. އެކަން އެގޮތަށް ނުކުރެއްވޭ ކަމަށް ވާނަމަ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގެންނެވުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.
"މުޅި ޝަރުއީ ނިޒާމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. މިހާ ހިސާބުގައި މި ގައުމު އޮތްއިރު ޕީޖީއަކަށް މިގައުމުގައި ކަމެއް ހިނގާ ކަމެއް ނޭނގޭ. ގާނޫނުއަސާސީން އެކަމަނާއަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތަކީ ކޮބައި ކަމެއް އެކަމަނާއަށް އެނގިވަޑައިގަންނަވާ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ އެމަނިކުފާނު ފަނޑިޔާރުންގެ ގާނޫނާއި ހިލާފުވެ ރާއްޖެޓީވީއަށް އިންޓަވިއުއެއް ދެއްވާފައިވާތީ ކަމަށް ބުނެއެވެ. އެމަނިކުފާނު އިންޓަވިއު ދެއްވީ މިހާރު ސަސްޕެންޑު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނެރުއްވި ނޫސްބަޔާނެއްގައި ރައީސް އަބްދުﷲ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ބައެއް ފަރާތްތަކުން ނުފޫޒު ފޯރިވި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
ގާޒީ އަލީ ރަޝީދު ވިދާޅުވީ ހައިލަމް ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ، ހައިލަމް އަށް ބަޔަކު ނުފޫޒޯ ފޯރުވިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.