ދިވެހި ރައްޔިތުން ޕާޓީ (ޑީއާރްޕީ)ގެ ކޮންގްރެސް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އެޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.

ޑީއާރްޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެޕާޓީގެ 193ވަނަ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ޑީއާރްޕީގެ ކޮންގްރެސް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 އަދި 29ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޑީއާރްޕީގެ ކޮންގްރެސް އޮންނާނީ ކާށިދޫ ދާއިރާގައި ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

އެޕާޓީން ކޮންގްރެސް ބާއްވަން ނިންމާފައި ވާއިރު ޕާޓީގެ އާ ނާއިބު ލީޑަރަކާއި އާ ސެކްރެޓަރީ ޖެނެރަލެއްވެސް ވަނީ ހަމަޖައްސައިފައެވެ. ނާއިބު ލީޑަރަކަށް ހަމަޖެއްސީ ޖާބިރުގެ ކޮއްކޮ ހ. ތިމާވެށި، އިބްރާހީމް ޝިހާމެވެ. އެސްޖީއަކަށް ހަމަޖެއްސީ ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފެވެ. މި ދެ މަގާމަށް ބޭފުޅުން ހަމަޖައްސާފައި މިވަނީ އެޕާޓީގެ ނާއިބު ލީޑަރު ކަމުން މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ނަހުލާ އަލީ އިސްތިއުފާ ދެއްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ ގުޅިވަޑައިގަތުމުންނެވެ.

ޖާބިރު ޑީއާރްޕީގެ ލީޑަރުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ. އޭގެފަހުން ޑީއާރްޕީ ބޮޑުކޮށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.