ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ސްކީމަށް ދައުލަތުގެ ބަޖެޓުން 835.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ހަރަދާ އެއްވަރުގެ ނަތީޖާއެއް ލިބުނުކަން ކަށަވަރުކުރެވޭނެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނެތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ހާމަކޮށްފިއެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2019 އިން ފެށިގެން 2024 ގެ ނިޔަލަށް މި ސްކީމުގެ ދަށުން 16,388 ދަރިވަރުންނަށް 835,697,911 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް މި ޕްރޮގްރާމް ފުރިހަމަކޮށް ޑިގްރީ ހާސިލުކުރި ދަރިވަރުންގެ އަދަދު ދެނެގަނެވޭނެ ނިޒާމެއް އަދި ޕްރޮގްރާމުގެ ކާމިޔާބީ ވަޒަންކުރާނެ ކީ ޕާފޯމަންސް އިންޑިކޭޓޭ (ކޭޕީއައި) އެއް މިހާތަނަށް ވެސް އެކުލަވާލާފައެއް ނުވެއެވެ.

މީގެ އިތުރުން ކިޔެވުން ފުރިހަމަ ނުކޮށް ދޫކޮށްލި 790 ދަރިވަރަކަށް ދައުލަތުން 19,091,797 ރުފިޔާ ހަރަދުވެފައިވާއިރު، އެ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އަދި އުސޫލާ ހިލާފަށް، ކުރިން ޑިގްރީ ހާސިލުކޮށްފައިވާ 271 ދަރިވަރަކަށް 9,365,475 ރުފިޔާ ދޫކޮށްފައިވާ މައްސަލަ ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ގިނަ އަދަދަކަށް ހަރަކާތްތެރިވާ އަދި ގައުމަށް އެންމެ ބޭނުންތެރި ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކަށް މި ސްކީމުގެ ތެރެއިން އެކަށީގެންވާ އިސްކަމެއް ދެވިފައެއް ނުވެއެވެ. އަދި ދައުލަތުގެ ޔުނިވާސިޓީތަކަށް އިސްކަންދިނުމުގެ ބަދަލުގައި އަމިއްލަ މަރުކަޒުތަކަށް އިސްކަންދެވި، އެ ތަންތަނުގެ އަގުތައް އުފުލުމުގެ ސަބަބުން ކޯސްތަކަށް ދަރިވަރުންގެ އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދު 15 ޕަސެންޓުން 46 ޕަސެންޓަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

މި މައްސަލަތައް ހައްލުކޮށް، ދައުލަތުގެ ފައިސާގެ ނަހަމަ ބޭނުން ހުއްޓުވުމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ މުހިންމު ލަފާތަކެއް ދީފައެވެ. އޭގެ ތެރޭގައި:

  • ދަރިވަރުންގެ ކިޔެވުމުގެ ކުރިއެރުން ގަވާއިދުން މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން.
  • ކިޔެވުން ފުރިހަމަ ނުކުރާ ފަރާތްތަކާއި ޝަރުތު ހަމަނުވެ ފައިސާ ދޫކުރެވުނު ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އަވަސްކުރުން.
  • ގައުމަށް އެންމެ ބޭނުންތެރި ދާއިރާތަކަށާއި ދައުލަތުގެ ޔުނިވާސިޓީތަކަށް އިސްކަންދެވޭނެ ފަދަ ގޮތަކަށް ސްކީމުގެ އުސޫލުތައް އަލުން މުރާޖައާކުރުން.

އޮޑިޓް އޮފީހުން ބުނެފައި ވަނީ، ދައުލަތުގެ ބަޖެޓުން ކުރާ މިފަދަ ބޮޑެތި ހޭދަތަކަކީ އޭގެ ފުރިހަމަ ނަތީޖާ ގައުމަށާއި ރައްޔިތުންނަށް ލިބޭނެ ފަދަ ހަރުދަނާ އިންތިޒާމެއްގެ ދަށުން ހިންގަންޖެހޭ ކަންކަން ކަމަށެވެ.