އިސްލާމްދީނަށާއި ރަސޫލާ މުހައްމަދު (ސ.އ.ވ)އަށް ފުރައްސާރަކޮށް ލިޔުނު ރިޕޯޓަކާ ގުޅިގެން އެ ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް އެދި ވޭތުވެދިޔަ މަހެއްހާ ދުވަހު ދިވެހި ރައްޔިތުން އުފުލި ހަޅޭކުގެ އަޑު އަދި ފިލައިގެން ދާވަރެއް ނުވެއެވެ. އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރުކޮށް ގާނޫނީ އަދަބު ދިނުމަށް އިލްމުވެރިންވެސް ޝާމިލުވާ ގޮތަށް މުޅި ރާއްޖޭގައި ކުރިޔަށް ގެންގޮސްފައިވާ ހިނގާލުންތަކަކީ މާ ދުރު މާޒީއެއްގައި ހިނގައިދިޔަ ކަންތައްތަކެއް ނޫނެވެ.
ސަރުކާރުގެ އިސްވެރިންނަށް ދިވެހިން އައީ އެ ޖަމިއްޔާ އުވާލާ އެ ޖަމިއްޔާގެ އިސްވެރިންނަށް ފިޔަވަޅު އަޅާ ދިނުމަށް ގޮވާލަމުންނެވެ. ނަމަވެސް އެ މައްސަލައަކީ މި ސަރުކާރުން އެންމެ "ފިނިހަކަ" ދުވެލީގައި ބެލި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ. ފާޅުގައި ދީނާއި ރަސޫލާއަށް ފުރައްސާރަކުރި ކަން އެނގި ތިބެމެ ފުލުހުންގެ ތަހުގީގުގައިވެސް ބެލީ އޭގައި ހަމަ އެފަދަ ޒާތުގެ ވާހަކައެއް އެކުލެވިފައިވޭތޯ ބެލުމަށް ދީނީ އިލްމުވެރިންތަކެއް ލައްވާ ރިޕޯޓު ދިރާސާ ކުރުމަށެވެ. އެންމެފަހުން އެ ދިރާސާއަކުންވެސް ދީނަށް ފުރައްސާރަ ނުކުރާ ކަމަކަށް ނުދެއްކިއެވެ.
ފުލުހުންގެ ތަހުގީގުން އެގޮތަށް ފެނުމުން އެ އިދާރާއިން ޔޫތު މިނިސްޓްރީއަށް އެ ޖަމިއްޔާ އުވާލުމަށް ހުށަހެޅިއެވެ. އަދި އެންމެ ފަހުން ދިވެހިން ސަރުކާރަށް ޑިމާންޑު ކުރަމުން ދިޔަ ދެ ކަމެއްގެ ތެރެއިން އެއް ކަމެއް ސަރުކާރުކޮށް ކޮށްދިނެވެ. އެއީ މި މަހުގެ ފަސްވަނަ ދުވަހު އެމްޑީއެން އުވާލަން ނިންމުމެވެ. އަދި އަދަށްވެސް އެމްޑީއެންގެ އިސްވެރިންނާއި ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އެޅުމުގެ މަރުހަލާ އޮތް ހިސާބެއް ނޭނގެއެވެ.
ޔޫތު މިނިސްޓްރީން އެމްޑީއެން އުވާލި ކަމަށް ނިންމި ނަމަވެސް އެ ޖަމިއްޔާ ފެންނަމުން ދަނީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ކޮށެވެ. އެ ޖަމިއްޔާ އުވާލަން ނިންމި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ސޯޝަލް މީޑިއާގައި ޓްވީޓެއް ނުކުރާ ދުވަހެއް ނުދެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ދާދިފަހުން ނިންމާފައިވާ ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުންވެސް އެ ޖަމިއްޔާގެ ޓްވީޓާ އެކައުންޓުން ވަނީ ހިޔާލުފާޅު ކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައިވާ ކަންކަން ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް އެޖަމިއްޔާއިން ގޮވާލާފައި ވާއިރު މިއަދުވެސް އެ ޖަމިއްޔާއިން ވަނީ ޓްވީޓެއް ކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ތައުލީމީ މަންހަޖާ ގުޅޭ ގޮތުން އެ ޖަމިއްޔާއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. އެގޮތުން އެ ޖަމިއްޔާއިން ބުނީ އިސްލާމް މުގައްރަރަށް އެ ޖަމިއްޔާއިން އެއްވެސް ހިޔާލެއް މިހާތަނަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެ ޖަމިއްޔާއިން ހަމައެކަނި ކޮށްފައިވާ މަސައްކަތަކީ ދިވެހި ދަރިވަރުން ކިޔަވާ އިސްލާމް ފޮތްތަކުގައި، ހައްދު ފަހަނައަޅާފައިވާ ކަންކަމަށް ހިތްވަރު ލިބޭ ފަދަ އެއްވެސް ލިޔުމެއް ހުރިތޯ ބެލުން ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ އެ ޖަމިއްޔާ އުވާލީ ނަމަކަށް ހެއްޔެވެ. ނުވަތަ ދިވެހި ރައްޔިތުންގެ ލޯތަކަށް ދެއްކުމަށް ހެއްޔެވެ. އެ ޖަމިއްޔާއިން ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅެއް ނާޅައިގެން ސަރުކާރަށް ގޮވަމުންދާ ގޮވެލި ފަތިތައް މައިތިރި ކުރުމަށް އުވާލަން ނިންމީ ކަމަށް ބުނެ ދަޅައެއް ދައްކާލީ ހެއްޔެވެ.
މިބައިގަނޑަކީ އެއްބަޔެށްކަން މިހާރު ރައްޔަތުންނަށް އެނގިއްޖެ. އަދިވެސް ކިޔާ ކޮމިޟަނޭ ފެންފޯކޭ