މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރައީސެއްގެ ގޮތުގައި ވަރަށް މަދު ދުވަސްކޮޅަކު ހުންނެވި ހަނދާނެއް ވެވަޑައިގަންނަވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް (ޕީޖީ) ވިދާޅުވެއްޖެއެވެ.
ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ އެމްޑީއެންގެ ރައީސެއްގެ ގޮތައި ހުންނެވި ކަމަށާއި ނަމަވެސް އެއީ ވަރަށް މަދު ދުވަސްކޮޅަކު ކަމަށެވެ.
އަދި އެމްޑީއެން ނޫނަސް އެހެން ވަރަށް ގިނަ ޖަމިއްޔާތަކުގައިވެސް އެކި މަގާމުތައް ފުރުއްވާފައި ވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ ޖަމިއްޔާތަކަށް ފަންނީ ގޮތުން އޭނާގެ އެހީތެރިކަން ދެއްވައިފާ ވާނެ ކަމަށާއި އެއީ ހިލޭ ސާބަހަށް ކޮށްދެއްވި ކަންކަން ކަމަށެވެ. އެގޮތުން މީގެ ބާރަ އަހަރު ކުރިން ފެށިގެން ޖަމިއްޔާތަކަށް އެހީތެރިވެވަޑައިގެންފައި ވާނެ ކަމަށާއި ޖަމިއްޔާއެއްގެ މަގާމެއްގައި ހުންނެވި ނަމަވެސް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑަައިނުގަންނަވާ ކަމަަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އެހެން ވިދާޅުވެފައި ވާއިރު، އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓް ނެރުނު އިރު އެ ޖަމިއްްޔާގެ ރައީސަކީ ޕީޖީ ކަމަށް ޝަމީމްގެ ކުރީގެ އަނބިކަނބަލުން އަދި އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއީލް ވަނީ ވިދާޅުވެފައެވެ.
އެމްޑީއެންއިން ރިޕޯޓް ނެރުނީ 2016 ގައެވެ. އަދި ފަހުން އެ ރިޕޯޓަށް ވަނީ ބަދަލު ގެނެސް އާ ކޮށްފައެވެ.