ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީއެންގެ ލާދީނީ އެޖެންޑާ ކާމިޔާބު ނުކުރެވިގެން ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ތުހުމަތު ކުރައްވައިފިއެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ގޮންޖެއްސެވުމަށް ފަހު ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވަނީ އެމްޑީއެންގެ ލާދީނީ އެޖެންޑާ ކާމިޔާބު ނުކުރެވިގެން ކަމަށެވެ.

އަދި ވެރިކަމުގެ ދަހިވެތިކަމުގައި ތިމާ ބޭނުންވާ ގޮތަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތް ކަމަށް ވިދާޅުވުމަކީ އެންމެ ބޮޑު އޮޅުވާލުން ކަމަށްވެސް ޝެއިހް އިލާސް ވިދާޅުވިއެވެ.

ޝެއިހް އިލްޔާސް އެފަދައިން ވިދާޅުވެފައި ވާއިރު، ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އަނެއްކާވެސް ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ވެރިިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މަޖިލީހަށް ވެއްދުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގުތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށާއި އެކަން 2007 ވަނަ އަހަރު ނިންމީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނުގެ ހަޔާތްފުޅުގައި ކޮންމެ ވޯޓެއް އެމަނިކުފާނު އޮޅުވާލެއްވި ކަމަށެވެ. އަދި 2007 ގެ ނިޒާމުގެ ވޯޓުވެސް ހެއްދެވީ އެހެން ކަމަށާއި ރައީސް މައުމޫނަށް އޮޅުވައިނުލެއްވުނީ ހަމައެކަނި 2008 ގެ ވޯޓު ކަމަށެވެ. އަދި އެ ވޯޓުން މައުމޫނު ވަނީ ބަލިވެވަޑައިގެންފައި ކަމަށްވެސް ނަޝީދު ވިދާޅުވެއެވެ.

ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެވެ. އެއީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންގެ 62 ޕަސެންޓް އަޣުލަބިއްޔަތާއެކު ގެނައި ނިޒާމެކެވެ.