އެމްޑީއެންގެ ރިޕޯޓް ހެދި މީހުން ދައުލަތުގެ މަގާމުތަކުގައި ބޭތިއްބި ބަޔަކަށް އިތުރު ފުރުސަތު ދޭން ވީ ސަބަބެއް އޮންނަންވާނެ ކަމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް އަބްދުއް ސައްތާރު މުހައްމަދު (ސަޓޯ) ގެ ކެމްޕެއިން އޮފީސް ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ މިހާރު އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ސަރުކާރުގައި ކިހިނެތްތޯ ކަންތައްތައް ކުރިއަށް ގެންދެވީ އައްސަވާފައެވެ. އަދި އެމްޑީއެން ރިޕޯޓްގެ ކަންތައް ހަނދާނުން ކައްސާލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް ތައްޔާރުކުރި އެ ރިޕޯޓު ހެދި ފަރާތްތައް އެ ފަސް އަހަރު ނިމިގެން ދިޔައީ ރައްޔިތުންގެ ފައިސާއިން މުސާރަ ދީގެން ކަމަށެވެ. އަދި ޖަމިއްޔާ އުވާލަން ރައްޔިތުން ޕްރެޝަރުކުރުމުން ނަމެއްގައި ޖަމިއްޔާ ދަފްތަރުން އުވާލި ނަމަވެސް ޖަމިއްޔާ ދިޔައީ ހިނގަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހިރީ ހަނދާނުން ކައްސާލައިގެން ދިޔަޔަސް ހަގީގަތް ކަމަށާއި އެ ފިކުރުގައި ތިބި ބަޔަކަށް ޖާގަދޭންވީ ވިސްނުމެއް ނިކަން ދައްކަވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީގައި ތިބި ނުވަތަ އެހެން ޕާޓީގައި ތިބި ބައެއް ވިޔަސް އެއީ ދިވެހި ރައްޔިތަކަށް ވީތީ ޖަވާބުދޭން ޖެހޭ ސުވާލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީއެންގެ އެ ރިޕޯޓް ހެދި މީހުންނަށް ފަސް އަހަރު ވަންދެން ރައްޔިތުންގެ ފައިސާއިން މުސާރަދީ، ދައުލަތުގެ އެކި އެކި ބޮޑެތި މަގާމުތަކުގައި ބޭތިއްބި ބަޔަކު އަނެއްކާވެސް އެ މަޖިލީހުގެ ގޮނޑިތަކަަށް ފަސް އަހަރަށް އިތުރު ފުރުސަތެެއް ދޭން ވީ ސަބަބެއް އޮންނަން ވާނެ ކަމަށެވެ. އަދި އެ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިސްލާމްދީނަށް ނަސްރުދޭ ވިސްނުމުގެ މީހުންނަށް މި ގައުމުގެ ކަންތައްތައް ކުރަން ފަހުރުވެރިވާން ޖެހޭ ކަމަށާއި އެއީ ދަރީންގެ ދަރީންގެ މުސްތަގުބަލަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ބިންގާ ކަމަށެވެ.