ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ގިނަވަމުންދާއިރު އެފަދަ މައްސަލަތައް ބެލުމަށް ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޖަމިއްޔަތުއް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝައިހް އަބްދުﷲ ވިދާޅުވީ އިސްލާމްދީނާއި މާތް ރަސޫލާ އަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ގިނަވަމުންދާއިރު އެފަދަ މައްސަލަތައް ބެލުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގައި ނެތް ކަމަށެވެ. އަދި ލާދީނީ މީހުންނަށް ހިމާޔަތްދީ، ދީނީ މީހުންނަށް ދަތިކޮށް ޖެއްސުން ކުރަމުންދާ ކަމަަށްވެސް އަބްދުﷲ ވަނީ ތުހުމަތު ކުރައްވާފައެވެ.
އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު އެމްޑީއެން އުވާލި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ޖަމިއްޔާއިން ހަރަކާތްތެރިވަމުންދާ ދިއުމަށް އިޝާރާތް ކުރައްވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ ވެސް ހަދާފައި އޮތީ ކޮމެޑީ ކޮންސެޓަކަށް ކަމަށެވެ.
ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ދަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ.
އެގޮތުން ދާދީ ފަހުން އައްޑޫ ސިޓީއަށް ނިސްބަތްވާ މީހަކު ސޯޝަލް މީޑިއާގައި ވަނީ ލަދެއް ނެތި އެ ފަދަ ވާހަކަތައް ދައްކާ މާތް ރަސޫލާއަށް ފުރައްސާރަ ރައްދުވާ ފަދަ ކުރެހުންތައްވެސް އޭނާ ވަނީ އާންމު ކޮށްފައެވެ. މީގެ އިތުރުން ޅ. ނައިފަރަށް ނިސްބަތްވާ އަންހެނަކު ވެސް ވަނީ އެކި ފަހަރު މަތިން އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ތަފާތު ޕޯސްޓްތައް ކޮށްފައެވެ.
ދާދި ފަހުން އިންޑިއާއަށް ނިސްބަތްވާ މީހެއް ވަނީ މަސްތުގެ ހާލުގައި ހުރެ މަގުމައްޗަށް ނިކުމެ ދީނަށް ހުތުރު ބަސްތައް ރައްދުކޮށްފައެވެ. ހައްދު ފަހަނަ އެޅި އެ މީހާއަށްވެސް ފިޔަވަޅު އެޅުމެއް ނެތި ފުލުހުން ވަނީ އޭނާ ޑީޕޯޓް ކޮށްލައިފައެވެ.
ސަރުކާރުން ލާދީނީކަން ޢިލްމުވެރިން ބަޔާންކޮށްދެއްވައިފި. ރައްޔިތުންނަށް ވެސް މިހާރުވަނީ އެނގެންފަށާފައި.