އުތެމަ ޖަމިއްޔާއާގެ ރިޕޯޓްތައް ތަހުގީގުކޮށް ފިޔަވަޅު އަޅުމަށް 30 ޖަމިއްޔާއަކުން ގޮވާލައިފިއެވެ.
އުތެމަ ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ރާއްޖޭގެ މަދަނީ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެމްޑީޢެން ރިޕޯޓު ތަހުގީގު ކުރި އުސޫލުން އުތެމައިން ހުށަހެޅި ރިޕޯޓު ތަހުގީގުކޮށް އެމްޑީއެންއާއި އުތެމައިން އެ ރިޕޯޓު ހެދުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖޭގެ ވެރިންނަށާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަަމަށެވެ.
އެ ބަޔާނުގައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ގިން ރައްޔިތުންނާއި ކައުންސިލްތަކާއި ޖަމިއްޔާތަކެއް އަޑުއުފުލުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެ ޖަމިއްޔާ ސަރުކާރުން ވަނީ އުވާލާފައި ކަމަށެވެ. ނަމަވެސް އެ އަމަލު ހިންގި ފަރާތްތަކަށް މިއަދާ ހަަމއަށް އައި އިރުވެސް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް މަދަނީ ޖަމިއްޔާތަކުން ބުނެއެވެ.
ހަަމައެއާއެކު އދގެ ބައިނަލްއަގްވާމީ މުއާހަދާ ސީޑޯ ކޮމިޓީއަށް ހުށަހެޅުމަށް އުތެމަ ޖަމިއްޔާއިން މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އާންމު ކުރި ރިޕޯޓުގައި އެމްޑީއެންއިން ނެރުނު ރިޕޯޓަށް ތާއީދުކޮށް ދީނާ ހިލާފް ކަންތައްތައް ބަލައިގަތުމަށް ގޮވާލުމަކީ މާ ބިރުވެރި ނުރައްކާތެރިކަމެއް ކަމަށް ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެއެވެ.
މީގެ އިތުރުން މިއަހަރު ނޮވެމްބަރު މަހު އދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބާއްވާ ޔޫޕީއާގެ 36 ވަނަ ބައްދަލުވުމަށް ހުށަހެޅުމަށް އުތެމައާއި އެމްޑިއެން އަދި ފްރާންސްގެ އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް ކިޔާ މަދަނީ ޖަމިއްޔާއިން ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގައި ތައްާރުކޮށްފައިވާ އިންސާނީ ހައްތަކާ ބެހޭ ރިޕޯޓުގައިވާ ކަންތައްތަކަށް މަދަނީ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން އެ ރިޕޯޓުގައި ވަނީ ރާއްޖޭގައި ފައްޅި އެޅުމަށާއި ޣައިރު ދީންތަަކަށް ފުރުސަތު ދިނުމަށް ގޮވާލާފައި ކަމަށް ވެއެވެ. އަދި ޒިނޭ ކުރުމުގެ ހުއްދަ ގާނޫނީ އުގޫބާތުން އުނިކުރުމަށާއި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލައި އިސްލާމްދީނުގެ ހައްދުތަކަށް ފާޅުގައި އެ ރިޕޯޓުގައި އިންކާރުކޮށްފަިއވާ ކަމަށް ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގައި ޖިންސީ ގުޅުންތައް އެއްވެސް ހުރަހެއް ނެތި ހިންގުމާއި އެފަދަ ކަންތައްތައް ކުރާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ދިނުމަށްވެސް އެ ރިޕޯޓުގައި ވާ ކަމަށް އެ ބަޔާނުގައި ބުނެއެވެ.
މިފަދަ އަމަަލުތަކަކީ މި ފަސްގަނޑުގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށާއި ތަކުރާރުކޮށް އެކި ފާޑުފާޑުގެ ރިޕޯޓުތަކުގެ ނަމުގައި އިސްލާމްދީނާއި އެ ދީނުގެ ހުކުމްތަކަށް ފާޑުކިޔުމަކީ މުޖުތަމައުގައި ނަފްރަތު އުފެއްދުމުގެ އަމަލެއް ކަމާމެދު ޝައްކު ނުކުރާ ކަމަށް ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ބުނެއެވެ.