ޖަޕާނުގެ އެހީގެ ދަށުން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ)އަށް އަލިފާން ނިއްވާ ވެހިކަލެއް ހަދިޔާ ކޮށްފިއެވެ.

އެންޑީއެމްއޭއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ "ދަ ގްރާންޓު އެސިސްޓޭންޓު ފޯ ގްރާސް ރޫޓު ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް" (ޖީޖީޕީ)ގެ ދަށުން އެ އޮތޯރިޓީއަށް އަލިފާން ނިއްވާ ވެހިކަލެއް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެ ވެހިކަލުގެ ކަސްޓަމްސް ކްލިއަރެންސް މިއަދު ނިމިފައިވާއިރު އެ ވެހިކަލް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއަށް ރަސްމީކޮށް ހަވާލުކުރާނެ ކަމަށް އެ އޮތޯރިޓީން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ.

ޖަޕާނުގެ އެހީގައި އަލިފާން ނިއްވާ ވެހިކަލެއް އެންޑީއެމްއޭއަށް ލިބުނުއިރު ދާދިފަހުން އަލިފާން ނިއްވާ 24 ވެހިކަލާއި 5 ލޯންޗު ޖަޕާނު ސަރުކާރުން ވަނީ ހަދިޔާ ކޮށްފައެވެ. އޭގެތެރެއިން 14 ފަޔާ ސްޓޭޝަންއަކަށް އަލިފާން ނިއްވުމަށް ބޭނުންވާ ވެހިކަލް އެމްއެންޑީއެފުން ވަނީ ފޮނުވާފައެވެ.

އެ ވެހިކަލްތަކުގެތެރޭގައި 1500ލީޓަރުގެ ފެން އުފުލޭ އުޅަނދުތަކާއި، 200ލީޓަރުގެ ފޯމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރުގެ ފެން އުފުލޭ ވެހިކަލްތައް ހިމެނެއެވެ.