ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގެ ޝަރީއަތް، ބެންޗެއް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދަށް މިއަދު ރައީސް ޔާމީންގެ ފަރާތުން މިކަމަށް އެދި ވަނީ ސިޓީއެއް ފޮނުވާފައެވެ.

މީގެ ކުރިންވެސް ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިޔައިރު ބެންޗެއް އެކުލަވާލައިގެން އެ މައްސަލަ ބެއްލެވުމަށް އެދިވަޑައިގެންފައިވީ ނަމަވެސް އޭރު އެ މައްސަލަ ބެއްލެވުމަށް ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީނަށް ހުކުމް ކުރުން މިމަހު 17 ވަނަ ދުވަހު 1:30 އަށް ތާވަލުކޮށްފައި ވާކަން 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ. ރައީސް ޔާމީނަށް ހުކުމް ކުރުން މި މަހުގެ 17 އަށް ތާވަލްކޮށް ޗިޓް ފޮނުވީ އިސްގާޒީ ސެކްޝަނުން މައްސަލަ ބައްލަވާ ގޮތަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލަ ބެއްލެވި ހައިލަމް މިހާރު ވަނީ ޖޭއެސްސީން ބަލަމުން ދާ ސުލޫކީ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައި ވަނީ ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވުމަށް ތާވަލްކޮށްފައިވާ ދުވަހުއެވެ. މި މަހުގެ 5 ވަން ދުވަހު ހައިލަމް ސަސްޕެންޑް ކުރުމަށްފަހު އެ ކޯތުގެ ގާޒީއެއް ގޮތުގައި އަލީ ރަޝީދު އައްޔަން ކުރެވުނެވެ.

ހައިލަމް ސަސްޕެންޑްކޮށްފައިވަނީ ނޮވެމްބަރު 3 ވަނަ ދުވަހު ނަސްރުގެ ދުވަހުގެ ތަހުނިޔާއާ ގުލީގެން އޭނާ ވައިބާ ގުރޫޕަކަށް ފޮނުވި ތަހުނިޔާގެ މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާދިން ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައި ވެއެވެ.

މިކަމާ ގުޅިގެން އޭނާ ސަސްޕެންޑްކުރުމާއެކު އޭނާ ވަނީ މިރޭ ބަޔާނެއް ނެރަފއެވެ. އެ ބަޔާނުގައި ހައިލަމް ބުނީ، އޭނާއާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައި، ރިޝްވަތުގެ ތުހުމަތުތަކެއްކޮށް އަބުރު ކަތިލަމުން ދަނީ ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ނުދިނުމުން ކަމަށެވެ. ހަމައެއާއެކު ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސީދާ ގޮތުން މެސެޖުކުރައްވައިގެންނާއި ގުޅުއްވައިގެން އަދި ހައިލަމް ދަންނަ ގާތް މީހުން މެދުވެރިކޮށް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެކަމުގެ ކަށަވަރުކަން ދިނުމަސް އެދިވަޑައިގެންފައިވާ ކަމަށް ހައިލަމް ވިދާޅުވިއެވެ.

އަދި ހައިލަމް ވިދާޅުވީ، ފަނޑިޔާރު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެ ކަމަށާއި އަދި އެއީ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމުގައި ވިޔަސް އެނގެން ނުޖެހޭނެ ކަމަށެވެ.

އާންމު ގޮތެއްގައި ބެންޗަކުން ކުރިމިނަލް ކޯޓުގައި މައްސަލަތައް ނުބަލަ އެވެ. އެންމެފަހުން ވެސް ބެންޗަކުން ބެލީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޝްވަތުގެ ދައުވާގެ ޝަރީއަތެވެ. އެ ޝަރީއަތުގައި ވެސް ފަހުން ބެންޗު އުވާލިއެވެ.