ސީލައިފް ކުންފުނިން ފްލެޓު ގަތް ފަރާތްތަކަށް އެޗްޑީސީން ބަދަލު ދިނުމަށް ނިންމާފައިވާ އިރު، ފްލެޓު ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހަޅާފައި ނުވާ ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީއާ ހިއްސާ ކޮށްދިނުމަށް އަނެއްކާވެސް އެ ކުންފުނިން އަންގައިފިއެވެ.

އެޗްޑީސީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ބަދަލު ހަމަޖެއްސުމުގެ ކަންކަން މިހާރު އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި ފްލެޓު ގަތް މީހުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކުން އެޗްޑީސީއަށް އަނެއްކާވެސް އެންގުމަށް އެކުންފުނިން އެދިފައިވެއެވެ. އަދި އެއާއެކު ބައެއް ލިޔެކިޔުންތައް ސިޓީއަކުން އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އެޗްޑީސީއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފުލެޓު ގަތުމަށް ވެފައިވާ އެއްބަސްވުން؛ ފުލެޓު ގަތުމަށްޓަކައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ފައިސާދެއްކި ރަސީދު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހިމެނެއެވެ. އެޗްޑީސީއިން ބުނީ މިމަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ބޭނުންވާ ލިޔެކިޔުންތަ ކާއެކު ސިޓީއަކުން އެ ކޯޕަރޭޝަނަށް ހުށަހެޅަން ވާނެ ކަމަށެވެ.

އަދި އެ މުއްދަތަކީ ލިޔެކިޔުންތައް ހުށަހެޅުމަށް ދެވޭ އެންމެ ފަހުގެ ފުރުސަތު ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކަށް އިތުރު ފުރުސަތު ނުދެވޭނެކަ މަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އެޅުމަށް ދައުލަތުން ހަވާލު ކުރި ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް ބުކިން ފީ ދެއްކި ފަރާތްތަކަށް ސަރުކާރުން ވަނީ ބަދަލު ދީފައެވެ. އާންމުންގެ 203 މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު ސީލައިފުން އެ ފަރާތްތަކަށް އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ.

ސީލައިފުގެ ވެރިޔާ ހޯދުމަށް ދާދި ފަހުން ވަނީ ރެޑް ނޯޓިހެއް ވެސް ނެރެފައެވެ. ސީލައިފަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލު ކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ. އަދި ސީލައިފަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.