ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ވަކި ފިކުރެއްގެ ބަޔަކު ހިތްހަމަޖައްސަން ކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރު 2:00 ގައެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާގައި ތިންގަޑި އިރެއް ހާއިރު ހޭދަ ކުރެއްވިއެވެ. އަދި ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ކާރުކޮޅުގައި ވަޑައިގެންނެވީ ގެކޮޅަށެވެ. ފުލުުހުންގެ އިދާރާއަށް ރައީސް ޔާމީން ހާޒިރު ކުރެއްވި ސަބަބާއި ގުޅޭ ގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލެވެ.

ޖަމީލު ވިދާޅުވީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ހިތްހަމަ ޖެއްސުމަށްޓަކައި ކަމަށާ އެހެންނަމަވެސް އެމަނިކުފާނުގެ މުވައްކިލު (ކުރީގެ ރައީސް ޔާމީން)ގެ މައްޗަށް ކުރާ އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނޯންނާނެ ކަމަށެވެ. އަދި އެ ތުހުމަތުތަކުން ރައީސް ޔާމީން ބަރީއަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވުން މާދަމާ މެންދުރު 1:30ގައި ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވާއިރު ޖަމީލް ވަނީ އެ ހުކުމް ތާވަލުކޮށްފައި ވަނިކޮށް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ދައުލަތުގެ އެކި ފަރާތްތަކުގެ ނުފޫޒު ވަދެގެން ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޖަމީލް ވަނީ އެގޮތަށް ދައުލަތުގެ އިދާރާތަކަށް އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ދައުލަތުން މިހާރުވެސް ދައުވާ އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގައި ކަމަށާއި އެއީ ޑިއު ޕްރޮސެސްގެ ތެރެއިން ހިނގާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.