އެމްޑީޕީގެ މެންބަރުން ބޭނުން ނޫން ގޮތެއް ރާއްޖޭގައި ނުވާނެކަން ވަރަށް ސާފުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލެއްވިކަން އިއުލާން ކުރެއްވުމަށްފަހު އެޕާޓީގެ އާއްމު މެންބަރުންނާ ދަރުބާރުގޭގައި ބައްދަލު ކުރައްވާ މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގައި ޖެއްސި ހުރިހާ ކުލައެއް ޖައްސައި ދިނީ އެޕާޓީގެ އާއްމު މެންބަރުން ކަމަށެވެ. އެ ކުލައަކީ އެޕާޓީގެ މެންބަރުން ދެކެމުންދިޔަ އުއްމީދުތަކުގެ ކުލަވަރު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ހަމަގައިމުސް އަޅުގަނޑަށް މިއަދު ކަށަވަރު ތިބޭފެޅުން މި ރާއްޖޭގައި ބޭނުން ނޫން ގޮތެއް އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި ނުހިނގާނެކަން. ހުރަސް އެޅުމަށް މަދު ބަޔަކު 2012 ވަނަ އަހަރު އުޅުނު. އެހެންނަމަވެސް ދިވެހިން ދައްކުވައިދިނީ ތިބޭފުޅުން ތިބީ މަޑުން ތިބޭކަށެއް ނޫން ކަން. ގައުމު އެކީގަ ދީފާ ދުރަށް ދާކަށް ތައްޔާރަކަށް ނޫންކަން ތިއްބެވީ، ވަރަށް ސާފުކޮށް ދައްކުވައި ދީފި" ނަޝީދު ވިދާޅުވިއެވެ.
ދިގު 30 އަހަރުގެ ވެރިކަން ރާއްޖޭގައި ކުރެއްވި މިހާރު ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަންވެސް ނިމުމަކަށް ގެނެސްދިނީ އެމްޑީޕީގެ މެންބަރުން ކަމަށާއި އެޕާޓީގެ މެންބަރުން ކަމަކަށް ނިކުމެއްޖެ ކަމަށްވާ ނަމަ އެކަމެއް ކާމިޔާބު ކޮށްފައި ނޫނީ ގެއަށް ނުވަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކަށް ގައުމު ހިތަކަށް ދިނުމަށްފަހު އެމްޑީޕީގެ މެންބަރުން އެއްކައިރި ކުރުމަށްވެސް ވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ވަކި ބައެއްގެ އަތަށް ގައުމު ދިނުމަށްފަހު އެމްޑީޕީގެ މެންބަރުން ދުރަށް ނުދާނެ ކަމަށެވެ. އެކަން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ވަރަށް ސާފުކޮށް އެމްޑީޕީގެ މެންބަރުން ދައްކުވާދީފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވެއްޔާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ މީގެ ދެމަހެއްހާ ދުވަސް ކުރިން ސަރުކާރުގެ ދުވެލި ލަސް ކަމަށް ހިތްޕުޅަށް ވަތް ކަމަށެވެ. ނަމަވެސް އެ މަންޒަރު ސަރުކާރުން ބަދަލު ކޮށްފައިވާ ކަމަށާއި އެންމެ މުހިއްމު އެއް މަސައްކަތް ސަރުކާރުން ކޮށް ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ ސަރުކާރުގެ އެކްޝަން ޕްލޭން ކަމަށާއި މިހާރު ސަރުކާރު ޕްރޮޖެކްޓެއް ނުހިނގާ ރަށެއް ނުވަތަ ހިސާބެއް ރާއްޖޭގައި މަދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.