މެލޭޝިއާގަ ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ދޭން ފަށައިފި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ހިދުމަތް ހޯދުމުގައި ލުއި ގޮތްތަކެއް ފަހިކޮށްދެއްވުމުގެ ވައުދުގެ ދަށުން ގާއިމު ކޮށްފައިވާ 'މެރަނާ' ސްކީމްގެ ހިދުމަތް، މެލޭޝިއާގައި ފަށައިފިއެވެ.

މިކަމާއި ގުޅިގެން އާސަންދައިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ކުރިން ހަމައެކަނި އިންޑިއާ އަދި ސްރީލަންކާގައި ދިރިއުޅެމުން ދިޔަ ދިވެހިންނަށް ހިދުމަތް ދެމުން ގެންދިޔަ ސްކީމް، 'މެރަނާ' ގެ ކޮންމެ ބައިވެރިއަކަށް، ޖުމްލަ ކަވަރޭޖްގެ ގޮތުގައި އަހަރަކު 150،000 ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެޑްމިޓް ނުކޮށް ހޯދާ އައުޓްޕޭޝަންޓް ނުވަތަ އޯ.ޕީ ހިދުމަތްތަކުގެ މިންވަރަކީ ޖުމްލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10,000 ރުފިޔާކަމަށް އާސަންދައިން ބުނެއެވެ. އަދި އެޑްމިޓް ކޮށްގެން، އިންޕޭޝަންޓް ނުވަތަ އައި.ޕީ ދެވޭ ހިދުމަތުގެ މިންވަރަކީ، އައުޓްޕޭޝަންޓް ކަވަރޭޖް ހިމަނައިގެން، ޖުމްލަ 150،000 ރުފިޔާކަަމަށްވެސް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ސްކީމްގެ ހިދުމަތް ފެށިގެން ދިޔައިރު މެރަނާ ސްކީމަށް ވަނީ ރަނގަޅު ބަދަލުތަކެއް ގެނެވިފައި ކަމަށެވެ. އެގޮތުން ހުށަހެޅޭ ބޭސްފަރުވާގެ ބިލްތަކުގެ ޖުމްލަ އަދަދުގެ ތެރެއިން ސްކީމުން ހަރަދުކުރާ މިންވަރު ވަނީ 65 ޕަސެންޓަށް އިތުރު ކޮށްފައި ކަމަަށް އާސަންދައިން ބުނެއެވެ. ނަމަވެސް މި ސްކީމްގެ ދަށުން މެލޭޝިޔާއިން 'ކޭޝްލެސް' ހިދުމަތް ހަމަޖެހިފައި ނުވާކަމަށް އާސަންދައިން ބުނެއެވެ.

މެރަނާ ސްކީމްގައި ރަޖިސްޓްރީވެފައިވާ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ހިދުމަތް ލިބިގަތުމަށް ފަހު، 'ރީއިމްބާސްމަންޓް' ފޯމު ފުރިހަމަ ކޮށް، ހިދުމަތް ހޯދި ބިލްތަކުގެ ކޮޕީއާއެކު އާސަންދައަށް ފޯމު ހުށަހެޅުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފައިސާ ހަމަޖެހިގެން ދާނެކަމަށް އާސަންދައިން ބުނެއެވެ.

އާސްންދައިން ބުނީ ފަރުވާ ހޯދާ ދުވަހުން ފެށިގެން 60 ދުވަސް ތެރޭގައި ފައިސާ ހޯދުމަށް ހުށަހަޅަންވާނެ ކަމަށެވެ.