ސްވިމް މޯލްޑިވްސްއާއި ދިރާގާ ގުޅިގެން ބާއްވާ "ދިރާގު މާލެ އޯޕަން" ފެތުމުގެ މުބާރާތުގައި 198 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ސްވިމް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފެތުމުގެ މުބާރާތް ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ މި މުބާރާތް މާލޭގައި ފެށި ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި މި މުބާރާތް އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި މުބާރާތަކީ އެއް ކިލޯ މީޓަރާއި 500 މީޓަރުގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތެއް ކަމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެގޮތުން ރަސްފަންނު ދިމާ ބޭރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެއް ކިލޯ މީޓަރުގެ ފެތުމެވެ. 500 މީޓަރު ފެތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ރަސްފަންނު ސަރަހައްދުގައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އުމުރު ފުރައަކަށް ހުޅުވާލިއިރު 50 އަހަރުން މަތީގެ މީހުންނަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލައިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރު ކަމަށްވާ ދިރާގުން ބުނީ މި މުބާރާތް ބޭއްވުމަށް އެކުންފުނިން އެއްބާރުލް ދިނުމުގެ މަގްސަދަކީ ރާއްޖެއަކީ ވަށައިގެން މޫދު އަދި ކަނޑު އެކުލެވޭ ޖަޒީރާ ގައުމެއްކަމުގައި ވުމުން، ފެތުމާއި މޫދު ކުޅިވަރަށް ވީހާވެސް ގިނަ ދިވެހިން އަހުލުވެރިކޮށް މި ފަދަ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ. އަދި ހަމަ އެއާއެކު ފެތުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދިވެއްސަކައްވެސް ފަސޭހަކަމާއެކު ދަސްކޮށް ކުރެވޭނެ ކަމެއް ކަމަށްވެސް ދިރާގުން ބުނެއެވެ.