ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި އިރު ހިނގައިިދިޔަ ކަންކަމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްތަކުގެ މައްސަލަ ބަލަން ކޮމިޓީއިން މިއަދު އެޖެންޑާކޮށްފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި މައްސަލަ ބަލަން ނިންމީ ލިބުނު ސިޓީއަކާ ގުޅިގެން ކަމަށް ބުނެއެވެ. މި މައްސަލަ ބަލަން ނިންމީ ކޮމިޓީއަށް ލިބުނު ސިޓީއަކަށް ގުޅިގެން ނަމަވެސް، އެ ސިޓީ ފޮނުވީ ކޮން ފަރާތަކުން ކަމެއް ބުނެފައެއް ނުވެއެވެ. އެ ކޮމިޓީއިން ބަލަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ބަދަލުވި އިރު އެދުވަހު ހިނގައިދިޔަ ހަމަނުޖެހުމުގައި އިސްކޮށް ތިއްބެވި މީހުންގެ މައްސަލަ އެވެ. އެ މައްސަލަ ބެލުމަށް ކޮމިޓީއިން މިއަދު ބައްދަލުވުމެއް އޮންނާނެ ކަމަށް މެމްބަރުންނަށް ވަނީ އަންގައިފަ އެވެ.
މަޖިލީހުގެ ކޮމެޓީއިން ފެބްރުއަރީ 7 ވަނަ ދުވަހުގެ މައްސަލަ ބަލަން ނިންމި އިރު، އެ ދުވަހުގެ ހަމަނުޖެހުންތަކުގެ ތެރޭގައި އުޅުއްވި ބައެއް ބޭފުޅުންނަކީ މިހާރު ސަރުކާރުގެ މަޖިލީހުގެ މެންބަރުންނާއި މިނިސްޓަރުންނެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަކީ ދަނގަތީ ދާއިރާގެ މެމްބަރެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ވެސް މެމްބަރެކެވެ. އޭރު އެމްޑީޕީގެ އިސް ބޭފުޅުންގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވި އެއް ބޭފުޅަކީ ވެސް ނާޒިމެވެ. އެ ދުވަސްވަރު އެންމެ އިސްކޮށް އުޅުއްވި ބޭފުޅަކީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަކީ ތިމަރަފުށި ދާއިރާގެ މެމެބަރެވެ. އަދި ޝެއިހް އިމްރާން އަބްދުﷲ އަކީ މިހާރުގެ ހޯމް މިނިސްޓަރެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ވެރިކަން ވެއްޓުނު ދުވަހު ނޫން އަނެއް ދުވަހު އައީ ބުނަމުންނެވެ. އެކަމަކު ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.