ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީީދު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވި ދުވަހުގެ ހަނދާންތައް އެމަނިކުފާނު ޅެން ބައިތަކުން އާ ކުރައްވައިފިއެވެ.

30 އަހަރުގެ ދިގު ވެރިކަމެއް ނިމުމަކަށް ގެނެސް، ނިޒާމެއްގެ ތެރެއިން ފުރަތަމަ އިންތިހާބު ކުރި ރައީސުލްޖުމްހޫރިއްޔާގެ ކުރު ވެރިކަން ނިމުމަކަށް އައިތާ މިއަދަށް މިވީ 9 އަހަރެވެ. ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާބާތަކުން ކަމަށާއި، އެ ކަން ބަލަން ޖެހޭ ކަމަށް ނަޝީދާއި ބައިވެރިން އަދިވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ، ފިލުވޭ ތަދެއް ނޫނޭ އަދާ ހަމައަށް މި ހާލަތު ގެނައުމީ، ކުޑަކުޑަ ކުށެއް ނޫނޭ ޒަމާން ތަކަކަށް ވި ގުރުބާނީ، ފަނާވެވި ޖިސްމު އިންސާނީ އަމާންކަން ވެއްޓި އުދުވާނީ، މައާފް ކުރާ ވަރެއް ނޫނޭ
ދުވަހުގެ ހަނދާންތައް އާ ކުރައްވަމުން ނަޝީދު ލިޔުއްވި ޅެން ބައިތު

ދުވަހުގެ ހަނދާންތައް އާ ކުރައްވަމުން ނަޝީދު ޓްވިޓާގައި ހިއްސާ ކުރެއްވީ މާނަ ފުން ޅެން ބައިތެކެވެ. އެ ޅެން ބައިތުގައި ވިދާޅުވަނީ ފެބްރުއަރީ 7ގެ ހަނދާންތައް އަދިވެސް ދަނީ ނަޝީދުގެ ހިތްޕުޅުގައި ވިކަމުން ކަމަށާއި، އެ ތަދަކީ ހަނދާނުން ފިލުވޭނެ ވަރުގެ ތަދެއް ނޫން ކަމަށެވެ. އަދި އެ ދުވަހު ހިނގީ ކުޑަކުޑަ ކުށެއް ނޫން ކަމަށާއި، އެކަމަށް މައާފު ނުކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އިތުރުން ވެސް އެތައް ބަޔަކު ގެންދަނީ ދުވަހުގެ ހަނދާންތައް އާކޮށް، ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރަމުންނެވެ.

ފެބްރުއަރީ 7، 2012 އަކީ އޭރު އިދިކޮޅުގައި ތިބި ފަރާތްތައް ސިލްސިލާކޮށް މުޒާހަރާ ކުރަމުން ގޮސް، މުޒާހަރާ ހަމަނުޖެހުންތަކަށް ބަދަލުވެ، ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު އެމީހުންނާއެކު ޖުމްހޫރީ މައިދާން ސަރަހައްދަށް ގޮސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލަން ފެށި ދުވަހެވެ. އެ ދުވަހު ހާދިސާތަކަށް ފަހު އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށާއި އެއީ ބަޣާވާތެއް ކަމަށް ނަޝީދު ސިފަކުރައްވައެވެ.