އެމްއެންޕީއަކީ ބަޣާވާތުގެ އާރުކާޓީ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުވިދާޅުވުމުން ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ރައްދު ދެއްވައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ، ސިޔާސީ ގޮތުން 7 ފެބްރުއަރީގައި އެމްޑީޕީއާ ދެކޮޅަށް ނުކުތް އެތައް ބަޔަކު ތިބި އިރު، އޭގެތެރެއިން ބައެއް ބޭފުޅުން މިހާރު އެމްޑީޕީއަށް ތާއިދުކޮށް އެމްޑީޕީއާ އެކުގައި ތިއްބެވި ކަމަށެވެ. އެ ގޮތުން އޭރު ހިންގީ ބަޣާވާތެއް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ބުނަމުން އަންނަ އިރު، އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމެވި ބޭފުޅަކު އެމްޑީޕީއާ އެކުގައި ހުންނެވި ކަން ފާހަގަ ކުރައްވައި އޭނާ ފާޑު ވިދާޅުވިއެވެ.

އަބްދުﷲ ރިޔާޒް މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި 7 ފެބްރުއަރީ އާ ގުޅުވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ހަސަން ލަތީފް ވަނީ އެ ދުވަސްވަރު ހިންގި ބަޣާވާތުގައި ސިޔާސީ ގޮތުން ރާއްޖޭގައި އިސްކޮށް އުޅުއްވާ ބަޔަކު ހަރަކާތެރިވެވަޑައިގެން ކަމަށާއި މިހާރު އެ ބަޔަކު ސިޔާސީ ޕާޓީއެއް އުފައްދައިގެން ސުލްހަވެރިކަމާ އެކު ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަން ފެނިވަޑައިގަންނަވާތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހަސަން ލަތީފްގެ މި ވާހަކަތައް ރައްދު ވަނީ ސީދާ ކޮން ބޭފުޅުންތަކަކަށް ކަން ހާމައެއް ނުކުރައްވައެވެ.

7 ފެބްރުއަރީގައި ވެރިކަން ބަދަލުވި ހާދިސާގައި އޭތު ބައިވެރިވެވަޑައިގެންނެވި އަބްދުﷲ ރިޔާޒާއި ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ގުޅިވަޑައިގެން އެމްއެންޕީގެ ނަމުގައި ވަނީ މިދިޔަ އަހަރު ފަހުކޮޅު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

"ބަޣާވާތަކުން ވެރިކަން ވެއްޓުނު ކަމަށް ދައްކާ ވާހަކަތަކަކީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ދައްކަވާ ވާހަކައެއް. ބަޣާވާތެއް ކަމަށް އެބޭފުޅުން ގަބޫލު ކުރާ އިރުގައި އެއީ ރަނގަޅަށް ހިނގާފައި އޮތް ކަމެއް ކަމަށް ނިންމަވާފައި ވަނީ އޭރުގެ މަޖިލީހުގެ ރައީސް މިހާރުގެ ފޮރިން މިނިސްޓަރަކަށް އެ ހުންނެވީ ވެސް އެބޭފުޅާ. ބަޣާވާތެއް ކުރި ކަަމަށް ދައްކާ ވާހަކައަކީ އެއީ އެމްޑީޕީން ސިޔާސީ ގޮތުގައި ދައްކާ ވާހަކައެއް"
އަބްދުﷲ ރިޔާޒް

7 ފެބްރުއަރީގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ދެން ވެރިކަމާ ހަވާލުވެވަޑައިގަތީ އޭރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ވަހީދު ވެރިކަމުގައި މަޖިލީހުގެ ރައީސް ކަމުގައި ހުންނެވީ މިހާރުގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމާއި އަދި އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދެވެ.

ފެބްރުއަރީ 7 ގައި ކަން ހިނގީ ރަނގަޅަށް ކަމަށް އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ޝާހިދު ނިންމެވި ކަމަށާއި އަދި އެގޮތަށް ނިންމެވި ބޭފުޅަކު މި ވަގުތު އެމްޑީޕީއާ އެކު ހުންނެވުމާއި އެމްޑީޕީގެ ވެރިކަމެއްގައި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނުވުމުން އެކަމާ އެމްޑީޕީގެ ބައެއް މެންބަރުން އުފާ ނުކުރައްވަނީ ކީއްވެތޯ އައްސަވާ ރިޔާޒް ވަނީ ހަސަންއަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން އެ ދުވަހު ހިންގީ ބަޣާވާތެއް ކަމަށް ދެކިވަޑައިނުގަންވާ ކަމަށާއި އަދި އެއީ ބަޣާވާތެއް ކަމަށް ބުނާ ބަޔަކު އެ ވާހަކަތައް ދައްކަނީ ސިޔާސީ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދަކީ ރައީސް ނަޝީދު ވެރިކަމުގައި ހުންނަވާ އިސްތިއުފާ ދެއްވިތާ 10 އަހަރު ފުރުނު ދުވަހެވެ. މިއަދު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އަންނަނީ އެ ދުވަހު ހިންގީ ބަޣާވާތެއް ކަމަށް ބުނެ އެކަމުގައި ބައިވެރިވި މީހުންގެ ވާހަކަތައް ފާޅުކަން ބޮޑުކޮށް ދައްކައި، އެ ދުވަހުގެ ހާދިސާއާ ގުޅުވައި ފުލުހުންނާއި ސިފައިންގެ ބައިވެރިވުން ވެސް އޮތްކަމަށް ބުނެ ފާޑު ކިޔަމުންނެވެ.