މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމް ކޮށް، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލު ކޮށްފިއެވެ.
އަދުނާން ފުލުހުންގެ ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް އޮގަސްޓް، 2012 ގައި ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ. އޭނާ ވަޒީފާއިން ވަކި ކުރީ ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތުގެ ނަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ނެރުނު ރިޕޯޓެއްގައި އޭނާ ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން 2014 ގައި ހުކުމް ކުރިއެވެ. އަދި 2018 ގައި ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފުލުހަކު ވަޒީފާއިން ވަކި ކުރެވޭނީ ގާނޫނާއި ގަވާއިދާ ހިލާފް ކަމެއް ކުރިކަން ފުލުހުންގެ ތަހުގީގަކަށް ސާބިތުވުމާ އެކު، އެއީ އެ މީހަކު ވަކިކުރަން އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށެވެ. ފުލުހުންގެ ވަޒީފާއިން އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމީ ފުލުހުންގެ ތަހުގީގުގައި އޭނާ ހަނު ހުރެފައި ވާތީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެއެވެ. އަދި އެ ނިންމުން ނިންމުމުގައި ފުލުހުން ޑިސިޕްލިނަރީ ބޯޑުން ރިއާޔަތްކުރި އަދި ރިއާޔަތް ނުކުރާ ކަންކަމަށް ހައި ކޯޓުން ބަލާފައި ނެތުމުން ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެއެވެ.
ހަމައެއާއެކު ފުލުހުންގެ ވަޒީފާއިން އަދުނާން ވަކިކުރަން ނިންމީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު ކޮން ހެކިތަކަކަށް ބިނާކޮށް ކަން އެ ބޯޑުން ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެއެވެ.
އަދުނާން ވަކިކުރީ ގޯސްކޮށް ކަމަށް ހުކުމް ކުރިޔަސް، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ސުޕްރީމް ކޯޓުން އަންގާފައެއް ނުވެއެވެ. ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ދަށު ކޯޓުގައި އަދުނާން އެދިފައި ނެތުމުންނާއި، ދަށު ކޯޓުގައިި އެދިފައި ނެތް ކަމަކަށް އިސްތިއުނާފް މަރުހަލާއިން ފަރުވާ ދެވެން ނޯންނާނެތީ ކަމަށެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިއްތިފާގުން ނިންމަވާފައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލް ކުރުމާ އެކު ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކުރާ ކަމަށެވެ.
އަދުނާންގެ އިތުރުން ފުލުހުންގެ ވަޒީފާއިން ވަކިކުރި ގިނަ އިސް އޮފިސަރުންތަކަކަށް އަލުން ވަޒީފާދޭން މި ސަރުކާރު އައި ފަހުން ކޯޓުތަކުން ހުކުމް ކުރިއެވެ. މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް އޮގަސްޓް، 2012 ގައި ވަކި ކޮށްފައި ވަނިކޮށް އޭނާއަށް އަލުން ވަޒީފާ ދޭން ހުކުމް ކުރީ ސުޕްރީމް ކޯޓުންނެވެ.