ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިހާރު ފެމެލީ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އަބްދުﷲ ގާޒީއާ ބެހޭ ގޮތުން ހުށަހެޅި މައްސަލަ ތަހުގީގު ކުރި އިރު، އެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން އަބްދުﷲ ގާޒީގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފައި ވަނީ ފެބްރުއަރީ 16، 2020 ގައެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އޭރު ހާމައެއް ނުކުރެއެވެ. އަދި މިއަދު ވެސް ޖޭއެސްސީން ބެލި މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރު ތެރޭގައެވެ.

އަބްދުﷲ ގާޒީގެ މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައި ނުވި އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް ބަލަން ފަށާފައި ވަނީ "ފެބްރުއަރީ 7" ގެ ހާދިސާއާ ގުޅުވާ އޭނާ ވައިބާ ގްރޫޕެއްގައި ކުރެއް މެސެޖެއްގެ މައްސަލަ ފެންމަތިވި ފަހުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވުމަށް ފަހު އިސްތިއުވާ ދެއްވި ފަހުން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ މެންބަރުން ނުކުމެ އެކި ރަށްރަށުގައި ހަމަނުޖެހުން ހިންގައި އަދި ދައުލުގެ ބައެއް ތަންތަނުގައި ވަނީ ހުޅު ޖަހާފައެވެ. އެ ހާދިސާއަށް 8 އަހަރު ފުރުމާ ގުޅުވާފައި އަބްދުﷲ ގާޒީ ވަނީ ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި ޅެމެއް ހިއްސާ ކުރައްވާފައެވެ. އޭނާ ހިއްސާ ކުރެއްވި ޅެމުގައި ވަނީ "ހެޕީ ބޮޑު ހުޅު ޑޭ" ޖައްސަވާފައެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި އަބްދުﷲ ގާޒީގެ ދައިރެއް އޮތް ކަމަށް ބައެއް މީުން ގަބޫލު ކުރެއެވެ. އޭރު ނަޝީދު އިސްތިއުފާ ދެއްވީ، އެ މަނިކުފާނުގެ ވެރިކަމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން އަބްދުﷲ ގާޒީ ބަންދުކުރުމުން، އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކާއި އެއްވުންތަކަށް ފަހު، ކުރިމަތިވެވަޑައިގެންނެވި ފިއްތުންތަކާ އެކުއެވެ. ނަޝީދުގެ އިސްތިއުފާއާ އެކު، އެ ދުވަހު އެންމެ ފުރަތަމަ ހިނގި އެއް ކަމަކީ ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށީގައި ބަންދުކޮށްފައި ހުންނެވި އަބްދުﷲ ގާޒީ މިނިވަން ކުރުމެވެ.

ނަޝީދުގެ މައްޗަށް 13 އަަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް އަބްދުﷲ ގާޒީ، އޭރު ބަންދު ކުރި ކުރުމާ ގުޅުވައިގެން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ. ނަމަވެސް، އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ 2018 ވަނަ އަހަރު ބާތިލު ކޮށްފައެވެ.