ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު އިސްތިއުފާ ދެއްވި ދުވަހު ދިވެހި ސިފައިންނާއި ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ޓީވީއެމަށް ހިސޯރު ކުރި މައްސަލައިގައި ފިޔަވަޅު އެޅުމަށް އިންތިގާލީ އޮފީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވުމުގައި އެންމެ އިސްކޮށް އުޅުއްވި މެންބަރަކީ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އިންތިގާލީ އޮފީހަށް މިއަދު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ފެބްރުއަރީ 7، 2012 ގައި ޓީވީއެމްގެ "ގޭޓަށް ބަޑި ޖަހައި" ތަނުގެ ކޮންޓްރޯލް ނަގާފައި ވަނީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި ބަޔަކު ކަމަށެވެ. އަދި އެމީހުން އެ ހަމަލާ ހިންގީ ކޮންމެވެސް ފަރާތަކުން ކޮމާންޑް ކޮށްގެން ކަމީ ކަށަވަރު ކަމެއް ކަމަށް އެ މައްސަލަގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ މައްސަލަގައި އެދިފައި ވަނީ ޓީވީއެމަށް ވަނުމަށް ސަލާމަތީ ބާރުތަކަށް އަމުރު ކުރި ފަރާތެއް ހޯދައި ފިޔަވަޅު އެޅުމަށެވެ.
ސަލާމަތީ ބާރުތަކުން އެދުވަހު ޓީވީއެމްއަށް ވަދެގަނެފައި ވަނީ ގޭޓުގައި ހަރުކޮށްފަިއވާ ތަޅަށް ބަޑިޖަހާ، ގޭޓު ހުޅުވައިގެންނެވެ.
އެ ދުވަހު ޓީވީއެމްގެ ފީޑު ކަނޑާލުމަށް ފަހު އަޅުވާފައި ހުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވީޓީވީގެ ލައިވް ފީޑެވެ.
ފެބްރުއަރީ 7، 2012 އަކީ އޭރު އިދިކޮޅުގައި ތިބި ފަރާތްތައް ސިލްސިލާކޮށް މުޒާހަރާ ކުރަމުން ގޮސް، މުޒާހަރާ ހަމަނުޖެހުންތަކަށް ބަދަލުވެ، ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު އެމީހުންނާއެކު ޖުމްހޫރީ މައިދާން ސަރަހައްދަށް ގޮސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލި ދުވަހެވެ. އެ ދުވަހު ހާދިސާތަކަށް ފަހު އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށާއި އެއީ ބަޣާވާތެއް ކަމަށް ނަޝީދު ވިދާޅުވެއެވެ. ނަމަވެސް އެ ހާދިސާ ތަހުގީގު ކޮށް ނެރުނު ކޯނީ ރިޕޯޓުގައި އެކަން އެގޮތަށް ކަނޑައަޅާފައެއް ނުވެއެވެ.