ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ރާއްޖެއިން އިންޑިޔާއަށް ފިއްލެވި ޓަގް ބޯޓުގެ ކެޕްޓަންއާއި ޗީފް އިންޖިނިއަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ސިޓީ ފޮނުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާ ގޮތުގައި ޓަގް ބޯޓުގެ ކެޕްޓަންއާއި ޗީފް އިންޖިނިއަރުގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ސިޓީ ފޮނުވާފައި ވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ. މިކަމާގުޅޭ އިތުރު ތަފްސީލެއް ޕީޖީ އޮފީހުން ނުލިބެއެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 2014 އަދި 2015 ވަނަ އަހަރު ހިންގި ކޮރަޕްޝަނާއި، ހިޔާނާތްތެރިވުމުގެ ކުށްތަކާ ގުޅިގެން އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފައެވެ. އަދި ޕީޖީ އޮފީހުން ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި އަދީބުގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ވެސް ފޮނުވާފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން، ދައުވާ ތަކުގެ ތަފްސީލު ތައް ހާމަކޮށްފައި ނުވި ނަމަވެސް ބުނީ، ދައުވާ ކުރަން ފޮނުވީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީ ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ފަހުއެވެ. އަދި އެފަރާތްތަކުން އަދީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ ސެޕްޓެމްބަރު 21، 2019 ގައި ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ، ރައީސް ޔާމީނުގެ ސަރުކާރުގައި ގިނަ ދައުވާތަކެއް އުފުލި 33 އަހަރުގެ ޖަލު ހުކުމެއް އައި ބޭފުޅެކެވެ. ނަމަވެސް މިހާރުގެ ސަރުކާރު ވެރިކަމަށް އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަދީބުގެ މައްޗަށް ކޮށްފައި ހުރި ހުރިހާ ހުކުމެއް ކޯޓުތަކުން ބާތިލުކޮށް އަދީބު މިނިވަން ކުރިއެވެ. އަދީބު އަލުން ހައްޔަރު ކުރީ، ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅުއްވަނިކޮށެވެ. އެމައްސަލައިގައި އަދީބު ވިދާޅުވެފައި ވަނީ އޭނާ ފިއްލަވަން އުޅުއްވީ، ރާއްޖޭގައި އޭނާގެ ފުރާނައަށް ނުރައްކާ އޮތުމުގެ ސަބަބުން ކަމަށެވެ.