މޭ އެންދުމާއި ވައިގެ އުނދަގޫތަކަށް ދިވެހިންގެ މެދުގައި އާންމުކޮށް ބޭނުންކުރަމުން އަންނަ ރެނިޓިޑީން ނުވަތަ ޒެންޓެކްއާއި އޭގެ ޖެނެރިކް ބްރޭންޑްތަކުން ކެންސަރަށް މަގުފަހިކުރާ މާއްދާއެއް ފެނިފައިވާ ކަމަށް ބުނާތީ ޑޮކްޓަރުން ދޭ ބޭސް ސިޓީ އަށް ނޫން ގޮތަކަށް އެ ބޭސް ރާއްޖޭގައި ނުވިއްކަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭސް ފިހާރަތަކަށް އަންގައިފިއެވެ.

އެފްޑީއޭއިން ބުނީ މިހާތަނަށް އެބޭސް ރާއްޖޭގައި ވިއްކުން މަނާ ކޮށްފައި ނުވަނީ ދުނިޔޭގެ އެއްވެސް ގައުމަކުން އެފަދަ ފިޔަވަޅެއް އަޅާފައި ނުވާތީ ކަމަށެވެ. ނަމަވެސް އެ ބޭހުގެ މައްސަލަ ފެންމަތިވި ހިސާބުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެފްޑީއޭއިން ބުނެއެވެ.

ރެނިޓިޑިން ނުވަތަ ޒެންޓެކްއަކީ ބަނޑުގައި އުފެދޭ އެސިޑްގެ އުނދަގޫ ކުރިމަތިވާ ފަރާތްތަކާ އެކިކަހަލަ އެލާޖީ ހުންނަ މީހުން އެންޓި ހިސްޓަމީންއެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ ބޭހެކެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކަށް ބަލާއިރު ޒެންޓެކްއާއި ޖެނެރިކް ބްރޭންޑްތަކުގެ ހުރިހާ އުފެއްދުމަކުންވެސް ކެންސަރަށް މަގުފަހި ކުރާ މާއްދާއެއް ކަމަށްވާ ނައިޓްރޯސޯޑިމެތީލަމީން ނުވަތަ އެން.ޑީ.މީ.އޭގެ މާއްދާ ފެނިފައި ވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ޔޫރަޕިއަން މެޑިސިންސް އޭޖެންސީއިންވަނީ ރިޕޯޓް ކޮށްފައެވެ.

ނަމަވެސް މި ބްރޭންޑްތަކުގެ އުފެއްދުންތައް ވިއްކުން ހުއްޓާލުމަށާ، ބޭނުންކުރުން ހުއްޓާލުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަދި އިރުޝާދެއް ދީފައެއް ނުވެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސެންޓާ ފޮ ޑްރަގް އިވެލުއޭޝަން އެންޑް ރިސާޗްގެ ޑައިރެކްޓާ ޖެނެޓް ވުޑްކޮކް ވިދާޅުވީ، ޒެންޓެކްއާއި ޖެނެރިކް ބްރޭންޑްތަކުން އުފައްދާ ރެނިޓިޑީން ބޭހުން އެންޑީއެމްއޭގެ އަސަރު ފެނިފައި ވަނީ، ބައެއް ކަހަލަ ކާބޯތަކެތިން ވެސް މިމާއްދާ ފެންނަ ވަރަށްވުރެ ކުޑަ ތަންކޮޅެއް އިތުރަށް ކަމަށެވެ. ގިނަ އަދަދަކަށް ލޮނުއަޅައިގެން ތައްޔާރުކުރާ އެއްގަމު މަސް ނުވަތަ ކިއޯޑް މީޓްއާއި ގްރިލްޑް މީޓްއިންވެސް މިމާއްދާގެ އަސަރު ފެނެއެވެ.

މި ބޭސް ބޭނުން ކުރުން ހުއްޓާލަކަށް ނުބުނާނަން ކަމަށާ، ނަމަވެސް އެއީ ބޭސް ބޭނުންކުރާ ފަރާތުގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ކަމަށްވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެއެވެ. އަދި ބޭސް ހުއްޓާލަނަމަ އެމީހަކު ގަވައިދުން ދައްކަމުން އަންނަ ޑޮކްޓަރާ މަޝްވަރާކޮށްގެން ބޭސް ހުއްޓާލުމަށްވެސް އެއިދާރާއިން އިރުޝާދުދެއެވެ.