އާއިލީ އަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމަށްޓަކައި "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް"ގެ ނަމުގައި ސިމްޕޯޒިއަމެއް މިއަދު ފަށައިފިއެވެ.

ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސްއާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން، ބަނޑޮސް މޯލްޑިވްސްގައި މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމް އިފްތިތާހްކޮށް ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ.

ތިން ދުވަހުގެ މުއްދަތަށް ބާއްވާ އެ ސިމްޕޯޒުއަމްގައި ދިވެހިރާއްޖޭގެ އާއިލީ އަދުލުގެ ނިޒާމު ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރުމަށް ޓަކައި، ކުރެވެން ހުރި ކަންކަން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ އެ ސިމްޕޯޒިއަމްގައި، ފެމިލީ ޖަސްޓިސްގެ ނިޒާމާގުޅޭގޮތުން ހަތަރު ކީ ނޯޓް ލެކްޗާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކީ ނޯޓް ލެކްޗާ ދެއްވާނީ ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް މުހައްމަދު އީމާން އަލީއާ، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ރެޒިޑެންޓް ކޯޑިނޭޓާ ޑރ. މުނީރު ސަފީލްދީނާއި، ޕާކިސްތާނުގެ ކެރިއާ ޖަޖް އަދި ފެޑެރަލް ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓާ އޮނަރަބަލް ފާހާރު ޒަމާން، އަދި ތުރުކީވިލާތުގެ ފަސްޓް ކްލާސް ޖަޖް އޮނަރަބަލް ޒޭނެޕް ކުރްނާ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ބުނީ އެ ސިންޕޯޒިއަމްގައި ކޯޓުތަކާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި، ކަމާގުޅުންހުރި މިނިސްޓްރީތަކާއި، މަދަނީ ޖަމިއްޔާތައް ހިމެނޭ ގޮތުން މުޅިއެކު 10 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެއިތުރުން، ސަރުކާރުގެ ފަރާތުން އާއިލީ އަދުލުގެ ނިޒާމް އިސްލާހުކުރުމަށް ހުށަހަޅާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ފުރިހަމަ އާއިލީ އަދުލުގެ ނިޒާމެއް ބިނާކުރުމަށްޓަކައި ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، އާއިލީ އަދުލުގެ ނިޒާމުގައި މިހާރު އަމަލުކުރެވެމުންދާ އިޖުރާއާތުތަކާއި ރެގިއުލޭޓަރީ މެކޭނިޒަމްތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާއި ބެހޭ ގޮތުން މި ސިމްޕޯޒިއަމްގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެއެވެ.