މިއަހަރުގެ މިހާތަނަށް 11 ފަރާތެއް ވަނީ ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސު އޮޅުވަލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކޮށްފައި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް (އިމްޕޯސްޓާ) ޝަހުސު އޮޅުވާލައިގެން ހަމައެކަނި މިއަހަރުވެސް ރާއްޖެ އެތެރެވާން 11 ބިދޭސީއަކު އުޅުނު ކަމަށެވެ. އަދި މި މީހުން ރާއްޖެ އެތެރެވިޔަ ނުދީ ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ރާއްޖެ އެތެރެވާން އުޅުނު މި 11 ބިދޭސީންގެ އިތުު އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ހަމައެކަނި ސެޕްޓެމްބަރު މަހުގަވެސް ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި ދެމީހުން ހުއްޓުވީ ރާއްޖޭގެ ކޮން ސަރަހައްދަކުން ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައި ނުވެއެވެ.

ރާއްޖޭގައި އެހެން ޕާސްޕޯޓު ހަދައިގެން އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ބިދޭސީންގެ އަދަދު މަދެއް ނޫނެވެ. މިހާރުވެސް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާއިރު، އޭގެ ތެރެއިން ގިނަ ބިދޭސީ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ.