ގާނޫނީ ދާއިރާގެ ހުރިހާ އިމްތިހާނެއް މަތީ ތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން، ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކަށް މަޖިލީހުގައި ބަހުސްކޮށްފިއެވެ.
ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖްގެ އިތުރުން އެވިޑް ކޮލެޖްގެ ދަރިވަރުން ހުށަހެޅި މި ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތައް" ބަޔާންކުރާ ގަވާއިދަށް ގެނައި ދެވަނަ އިސްލާހާ މެދުގަ އެވެ.
މި އިސްލާހުގައިވާ ގޮތުން، ޖެނުއަރީ 1، 2027 އިން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް ދަރިވަރުން ކިޔަވާ މަރުކަޒަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފައިވެއެވެ. އަދި މި އުސޫލު، މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންގެ މައްޗަށް ވެސް ހިނގާ ގޮތަށް ހަމަޖައްސާފައިވުމަކީ ދަރިވަރުންގެ ބޮޑު ކަންބޮޑުވުމެކެވެ.
މަޖިލީހަށް ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، ދަރިވަރުން ކޯހާ ގުޅުނީ އޮންލައިންކޮށް އިމްތިހާނު ދެވޭނެކަމުގެ ހުއްދަ އޮތް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރާ ވަރަށް ސޮއި ހަމަކޮށްފައިވާ އެ ޕެޓިޝަނަށް މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެންބަރުން ވަނީ މިކަމުގައި ހުރި ދަތިތަކާއި އުސޫލުތަކާ ގުޅޭގޮތުން ހިޔާލުފާޅުކުރައްވާފައެވެ. އެގޮތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ ގަވައިދަށް ބަދަލު ގެނައުަމަކީ ބާކައުންސިލަށް އޮތް ބާރެއް ކަމަށެވެ. އަދި މައްސަލައަކަށް ވެގެން އުޅެނީ ކޯހުގެ މެދުތެރެއިން ގަވައިދު ބަދަލުކުރުމުން ކަން ފާހަގަކޮށް އޭނާ ވިދާޅުވީ ގަވައިދު ބަދަލުކުރުމުގެ ކުރިން ކޯސް ފެށި ދަރިވަރުންނަށް، ކުރިން އޮތް ގަވައިދާ އެއްގޮތަށް ކޯސް ފުރިހަމަކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މަޖިލީހުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ކިޔަވައިދޭ މަރުކަޒަކަށް އެއްގޮތަކަށް ވެސް ހާޒިރުވާން ނުޖެހޭ ގޮތަށް ޑިގްރީ ނުހެދޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭަޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ގަވައިދުަގައި 2022 ވަނަ އަަހަރު ހިމަނާފައިވާ ކަމަށެވެ. އެކަން އޮއްވާ މުޅި ކޯސް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ކޮލެޖަކުން ނިންމާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން ނާޒިލް ވިދާޅުވީ ކޯހުގެ މެދުތެރެއިން ގަވައިދު ބަދަލުވުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ކިޔަވަމުން އަންނަ ދަރިވަރުން އިސްތިސްނާ ކުރަން ފެނިވަޑައިނުގަންނަވާކަން ހާމަކުރައްވަމުން ނާޒިލް ވިދާޅުވީ އޭގެ ބަދަލުގައި އިމްތިހާނުތައް ހަދަން ދަރިވަރުން މަރުކަޒުތަކަށް ހާޒިރުވާން އެހީތެރިވެދެވިދާނެ ކަމަށެވެ.
