މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، އަލީ ހާޝިމް އައްޔަން ކުރައްވައިފިއެވެ.

އަލީ ހާޝިމް އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަގާމުގެ ލިޔުން އަލީ ހާޝިމަށް ހަވާލު ކޮށްދެއްވާފައެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް، ހާޝިމް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހުގެ ޖަލްސާގައި 55 މެންބަރުން އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވިއެވެ. އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް ހާޝިމްގެ ނަން ފޮނުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާ ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ.

ހާޝިމް ގަވަރުނަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނީ، އެކަމާ ބެހޭ ގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށްފަހުއެވެ.

ހާޝިމްގެ ނަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި މަހު އިސްތިއުފާ ދެއްވުމުންނެވެ.