ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާއި ހިލާފުވެވަޑައިގެންފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރިޕޯޓުން ހާމަވެއްޖެއެވެ.
ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދިޔަ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ އެކި އެކި ޝަރީއަތްތަކުގެ މައްސަލަތަކާއި ގުޅުވައިގެން ފަނޑިޔާރު ދީދީ މަންފާތަކެއް ހޯއްދާފައިވާ ކަމަށެވެ. ޖޭއެސްސީން ވަނީ ފަނޑިޔާރު ދީދީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކުރައްވާފައިވާ ކަންކަމުގެ ހެކި މި ރިޕޯޓުގައި ހިމަނާފައެވެ. އެގޮތުން ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންނަށް ސިޔާސީ މަގާމެއް ހަމަޖައްސައި ދެއްވުމަށް އެދި ސަރުކާރުގެ ބާރުގަދަ ފަރާތަކަށް މެސެޖު ކުރައްވާފައިވާ ކަމަށް ވަނީ ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ފަނޑިޔާރު ދީދީ މެސެޖު ކުރައްވާފައި ވަނީ ސަރުކާރުގެ ބާރުގަދަ ބޭފުޅަކަށްވީ ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ނޭނގެއެވެ. ނަމަވެސް އެއީ ފިރިހެނެއްކަން ފަނޑިޔާރު ދީދީގެ މެސެޖުން ސާފުވެއެވެ. ފަނޑިޔާރު ދީދީ އެމީހަކާއި ވާހަކަދައްކަވާފައި ވަނީ "ބްރަދާ" މިފަދައިންނެވެ. އެ މެސެޖުގައި ފަނޑިޔާރު ދީދީގެ އަރިހުން އެ ފަރާތުން ކަމެއް ކޮށްދެއްވުމަށް އެދިލައްވައިފި ނަމަ އެކަމެއް ވަގުތުން ކޮށްދެއްވާ ކަމަށް ފަނޑިޔާރު ދީދީ ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުވެސް ބްރަދާ ކަމެއްގެ ވާހަކަ އަޅުގަނޑު ގާތުގަ ވިދާޅުވެއްޖެއްޔާ އެކަމެއް ބަލާދެން ނޫންތޯ. ދެން ކީއްވެތޯ އަޅުގަނޑުގެ އަމިއްލަ ކަމެއްގެ ވާހަކަ ދެންނެވީމަވެސް ޖަވާބެއް ނުލިބިގެން މިއުޅެނީ،" ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް ވަޒީފާ ހަމަޖެއްސުމަށް ކޮށްފައިވާ މެސެޖުގައިވެއެވެ.
މި މެސެޖުގައި ފަނޑިޔާރު ދީދީ ވަނީ މެލޭޝިޔާގެ އެމްބަސީން ވަޒީފާއެއް ހަމަޖައްސައި ދެއްވުމަށް އެދިލައްވާފައެވެ. އެއީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރު ކަމެވެ. ނަމަވެސް ފަނޑިޔާރު ދީދީގެ މެސެޖުތަކަށް އެއްވެސް ވަރަކަށް ރިޕްލައި ނުކުރައްވާތީ އެކަމާ ހިތާމަފުޅު ކުރައްވާ ކަމަށްވެސް އެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި ހަމައެއާއެކު ކަމަކާއި މަޝްވަރާ ކޮށްލަން ބައްދަލު ނުވާއިރު ދީދީ ދެންނެވި އެއްވެސް ކަމެއް ނުވާ ކަމަށްވެސް އެ މެސެޖުގައި ދީދީ ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެއެވެ.
"އެކަމަކު މުޅި އުމުރަށްވެސް ނުރައްކާތެރި ރިސްކު އަޅުގަނޑަށާއި އަޅުގަނޑުގެ ފެމިލީއަށް އެބައޮތް. އެހެންކަމުން އަޅުގަނޑަށް ބްރަދާގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރަމުން ހަނދުމަފުޅުކޮށް އަރުވަން،" ސަސްޕެކްޓު އެކަކަށް ދީދީ ފޮނުވި މެސެޖުގައިވެއެވެ.
ޖޭއެސްސީގެ ތަހުގީގު ރިޕޯޓުން ފާހަގަކުރެވުނު އަނެއް ކަމަކީ ފަނޑިޔާރު ދީދީގެ އެ މެސެޖުތަކަށްފަހު އެމަނިކުފާނުގެ އަނބިކަނބަލުންނަށް މެލޭޝިޔާގެ ޑެޕިއުޓީ އެމްބެސެޑަރުކަން ހަމަޖެހިގެން ދިޔުމެވެ. އެހެންކަމުން ފަނޑިޔާރު ދީދީގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އެއީ ތެދުވެރިކަމާއި އިހުލާސްތެރިކަމުގެ އިތުރުން އަމާނާތްތެރިކަންވެސް ނެތުމެވެ.
މީގެއިތުރުން އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވެފައިވާ މީހެއްގެ އަތުން ފަނޑިޔާރު ދީދީ ފައިސާ ހޯއްދާފައިވާ ކަމަށްވެސް ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވެއެވެ. ޖޭއެސްސީން ބުނީ ރާއްޖެއިން ބޭރަށް ފުރަން އުޅޭތީ ޑޮލަރުކޮޅެއް ބޭނުންވެގެން ސަސްޕެކްޓް އެކަކަށް ފަނޑިޔާރު އަބްދުﷲ ދީދީ ފޮނުއްވި މެސެޖެއް ފޮނުވާފައިވާ ކަމަށެވެ.
"ބްރަދާ އަޅުގަނޑު ފުރަން މިއުޅެނީ ޑޮލަރުކޮޅެއް ބޭނުން" މިގޮތަށް ފަނޑިޔާރު ދީދީ ފޮނުވާފައިވާ މެސެޖް ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ.
އަދި މި މެސެޖާއި ގުޅިގެން ސަސްޕެކްޓު އެކެއް ފަނޑިޔާރު ދީދީ ފުރާ ދުވަސް އޮޅުން ފިލުއްވާފައިވާ ކަމަށާއި އަދި އޭގެ ޖަވާބުގައި "މަންޑޭ (ހޯމަ ދުވަސް)" މިފަދައިން ދީދީ ޖަވާބު ދެއްވި ކަމަށް ރިޕޯޓުގައިވެއެވެ. ފަނޑިޔާރު ދީދީގެ އެ ޖަވާބުން ޖޭއެސްސީން ވަނީ އެއީ ކޮން ދުވަހެއްތޯ ބަލާފައެވެ. އެގޮތުން އެނގިގެން ދިޔައީ ފަނޑިޔާރު ދީދީ އިޝާރާތް ކުރި ދުވަހަކީ 2014ވަނަ އަހަރު ޖުލައި މަހުގެ 14ވަނަ ދުވަސް ކަމެވެ. ޖޭއެސްސީން ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ގުޅިގެން އެ ދުވަހު ފަނޑިޔާރު ދީދީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވިތޯ ބަލާފައެވެ. އަދި އެ ދުވަހު ފަނޑިޔާރު ދީދީ ރާއްޖެއިން ބޭރަށް ފުރިކަން ޔަގީންވާ ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.2 ގައި، ފަނޑިޔާރުން ވާންވާނީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެތިބޭ، ޚާއްސަކޮށް އެފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ޚަސްމުންގެ ކިބައިން ފުރިހަމައަށް މިނިވަންވެ ތިބޭ ބަޔަކަށް ކަމަށް ބުނެފައިވާއިރު، އެ އުސޫލުގެ 1.3 ގައި، އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒުފޯރުވުމުގެ ފުރުސަތު ދީގެންނުވާނޭކަމަށް ބުނެފައިވާ ކަމަށެވެ. އަދި ހަމަ އެ އުސޫލުގެ 1.8 ގައި، ޢަދުލުއިންސާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، އެ ނިޒާމާއި ދާއިރާގެ ހައިބަތާއި ޤަދަރުޙިމާޔަތްކުރުމަށާއި، ޢާންމުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓުމަށްޓަކައި ކޮންމެ ފަނޑިޔާރަކުމެ، އެމީހެއްގެ ޢަމަލުތައް ބަހައްޓަންވާނީ އަޚްލާޤީ ގޮތުން އެކަށީގެންވާ ފެންވަރެއްގައި ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު ދީދީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެތައް ގޮތަކުން ހިލާފުވެފައިވާކަން ބުއްދީގެ ހަމަތަކުން ބުރަވެވޭ ކަމަށެވެ.
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނެފައިވަނީ ފަނޑިޔާރުން ޝަރީއަތަކާއި ގުޅުން ހުރި އެއްވެސް ކަމެއްގައި ކޯޓުގެ މުވައްޒަފަކު ނުވަތަ އެނޫންވެސް ފަރާތެއް މެދުވެރިކޮށް އެއްވެސް ހަދިޔާއެއް ލޯނެއް ނުވަތަ އެނޫންވެސް މަންފާއެއް ލިބިގަނެގެން ނުވާނެ ކަމަށެވެ.