މާލޭގެ ކަރަންކާ މަގުގައި ހުރި ފިހާރައެއް ފަޅާލައި ވައްކަން ކުރި ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލު މައުލޫމާތުދޭ ގޮތުގައި، ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން އެ ފިހާރައިން ވައްކަން ކުރަން އުޅޭ ކަމަށް ރޭ 02:48 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، 4 މީހަކު ދުވެފައި ދަނިކޮށް، ފެނިގެން އެމީހުން ފަހަތުން ގޮސް ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު، އެކަކުގެ އަތުން އެފިހާރައިން ވަގަށް ނަގާފައިވާ 748.35 ދިވެހި ރުފިޔާއާއި، އިންޑިއަން 10 ރުޕީސްގެ އިތުރަށް، 5 ދިރްހަމް، ރާސްޓަސްކުރާ ނޯކިޔާ ބްރޭންޑްގެ ބައްތި ފޯނަކާއި، އަތުގަ އަޅާ ގަޑިއަކާއި ސިނގިރޭޓީ ފޮށި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހަކާއި އަދި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ރާއެޖޭގައި ވައްކަމާ ފޭރުމުގެ މައްސަލަ ދަނީ އިތުރުވަމުން ނެވެ. އެގޮތުން ރޭގެ ވަގުތެއްގައިވެސް މާލޭގެ މަގުމަތިން ބިދޭސީއަކު ހިނގާފައި ދަނިކޮށް، ސައިކަލަކު ދުއްވާފައި ދިޔަ ދެމީހަކު އޭނާގެ ފޯނު ފޭރިގަނެފައި ވެއެވެ. އަދި މީހަކަށް ބިރުދައްކައިގެން އޭޓީއެމަކަށް ގެންގޮސްވެސް ލާރިކޮޅު ފޭރިގެންފައި ވެއެވެ. މީގެ އިތުރަށް އދ. މަހިބަދޫންއިންވެސް ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީކަހު ފުލުހުންވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. މި މީހާ ވަގަށް ނަގާފައި ވަނީ -/46،000 ރުފިޔާއާއި، 84 ޔޫއެސް ޑޮލަރެވެ.