ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާއި ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު ފަނޑިޔާރު ކަމުން ވަކިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މައްސަލަ ބެލި ކޮމިޓީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދީފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރު ރާޢިބުގެ މައްޗަށް ހުށަހެޅިފައިވާ ޝަކުވާ ސާބިތުބާ ކަމަށާއި އެހެންކަމުން އެހެންކަމުން އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަމަށެވެ. ރާޢިބުގެ މައްސަލަ ބެލި ކޮމެޓީން ހުށަހަޅާފައިވާ ރިޕޯޓަށް ޖަވާބުދާރީވުމަށް ރާޢިބަށް ވަނީ ޖޭއެސްސީން 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ގާޒީ ހަސަންގެ މައްސަލަ ބެއްލެވި ތަހުގީގު ކޮމިޓީގެ ރިޕޯޓު ބަލައިގަތުމަށް ނިންމާފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ގާޒީ ހަސަންއާ ދެކޮޅަށް ހުށަހެޅި ޝަކުވާ ސާބިތުވެއެވެ. އެހެންކަމުން އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީ އަށް ވަނީ ލަފާ ދީފައެވެ.
އެ ރިޕޯޓަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ގާޒީ ހަސަން އަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ގާޒީ ހަސަންއާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅުނު މައްސަލަތަކަކާ ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، އާއްމުކޮށް ހުޅުވާލައިގެން ދާދިފަހުން ބޭއްވި ތަހުގީގު ކޮމިޓީގެ ބައްދަލުވުމުގައި ގާޒީ ހަސަން ވިދާޅުވީ އޭނާއާ ގުޅޭގޮތުން ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އަށް ހުށަހެޅީ ފެމެލީ ކޯޓުގެ ތެރޭގައި އެ ކޯޓުގެ އިސް މުވައްޒަފުންތަކެއް އުމްރާ ގްރޫޕެއް ހިންގައި އެކަމުގައި ކޯޓުގެ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް ބުނެ މީޑިޔާ އިން ރިޕޯޓު ކުރުމުން އެކަން ބަލަން ފެށި ހިސާބުން ކަމަށެވެ.