ޕްރައިވެޓް ކާރުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދީފައިވާ އެޕްލިކޭޝަން ގެ ތެރެއިން އެޕްލިކޭޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދީފައިވަނީ ތިން އެޕްލިކޭޝަނަށެވެ. އެއީ އަވަސް ރައިޑް، ޕިކްމީ އަދި އެއައީ މި ތިން އެޕްލިކޭޝަނަށެވެ.

ޕްރައިވެޓް ހަޔާގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅަން ޖެހޭ ލިޔުންތަުގެ ތެރޭގައި ޑުރައިވިންގް ލައިސަންސްގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީ، ޕޮލިސް ރެކޯޑު، ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ މެޑިކަލް ރިޕޯޓް (ހެއްދި ފަހުން 1 އަހަރު ނުވާ ސެޓްފިކެޓް)، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ޓްރެފިކް ފުލުހުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޮޓް އޮތޯރިޓީން ހުއްދަ ދީގެން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވެ ލިބިފައިވާ ލިޔުން ހުށަހެޅުމުން، 06 މަސް ދުވަހުގެ ތެރޭގައި މި ސެޓްފިކެޓް ހުށަހަޅާގޮތަށް ޕްރައިވެޓް ހަޔާ އަށް ފަށައިގަންނަ އިރު ޕްރައިވެޓް ހަޔާ ޑުރައިވަރުންނަށް މި ސެޓްފިކެޓް ނެތް ނަމަވެސް ހުއްދަ ދޫކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަދީފައިވާ އެޕްލިކޭޝަން ބޭނުންކުރުމަށް ކަނޑައަޅާފައިއޮތް އޮތުން ބާތިލް ކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަލަށް ރަޖިސްޓަރީ ކުރާ ޓެކްސީތަކަކީ މި ހުއްދަ ދީފައިވާ އެޕްލިކޭޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ޓެކްސީތައް ކަމުގައި ވާންޖެހޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.