ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ދިއުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޓަގު ބޯޓެއްގައި އަދީބު އިންޑިއާއަށް އެތެރެވާން އުޅެނިކޮށް، އިންޑިއާ ސިފައިން ވަނީ އޭނާ ހިފަހައްޓާފައެވެ. މިކަމަށް އިޝާރާތް ކުރައްވާ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ސަރުކާރުގެ އިހްލާސްތެރިކަން އޮތް މިންވަރު އެނގޭނީ ތުހުމަތުކުރެވޭ ބޮޑުންނާ މެދު އަމަލުކުރާ ގޮތުން ކަމަށެވެ. އެހެންކަމުން އަދީބު ފިލައިގެން ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާއި ދާދިފަހުން ގުޅިވަޑައިގަތް ޑރ. ޖަމީލު ވަނީ ސަރުކާރުން ބޭނުންވާ މީހުންގެ މައްސަލަތައް އަވަސް ކުރެވޭއިރު އަދީބުގެ މައްސަލަ އަވަސް ނުކުރެވެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
އަދީބު ހައްޔަރުކޮށްފައި ވަނީ ޓަގު ބޯޓެއްގައި ފިލަން އުޅެނިކޮށް އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އިންނެވެ. ނަމަވެސް މިކަމުގެ ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރު ކޮށްނުދެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން އަންނަނީ އަދީބު ފިއްލަވައިގެން އިންޑިއާއަށް ޓަގު ބޯޓެއްގައި އެތެރެވާން އުޅެނިކޮށް އިންޑިއާގެ ސިފައިން އެމަނިކުފާނު ހިފެހެއްޓިކަމަށް ރިޕޯޓުކުރަމުންނެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ އަދީބާ އެކު އެ ބޯޓުން 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މައުލޫމާތު ލިބޭގޮތުގައި އަދީބް އިންޑިއާއަށް ދަތުރު ކުރެއްވީ 'ސްނޯޝިޕިން' އިން އެޖެންޓްކަންކުރާ 'ޓަގް ވިރުގާ 9' ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި ބޯޓުގައި ތިބީ އިންޑޮނޭޝިއާއަށް ނިސްބަތްވާ 8 މީހުންނާއި، އިންޑިއާގެ ރައްޔިތެއްކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން އަދީބު ހައްޔަރުކުރެއްވި އިރު، އެމަނިކުފާނުގެ ޕާސްޕޯޓު ވަނީ ސުޕްރީމް ކޯޓުން ހިފަހަައްޓާފައެވެ.
ދިވެހިރާއްޖެއިން އިންޑިއާގެ ނިއު ދިއްލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ "ދަ ޕްރެސް" އަށް ވިދާޅުވީ އެފަދަ މައުލޫމާތެއް މިހާތަނަށް ލިބިވަައިގެންފައި ނުވާ ކަމަށެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީ އަދި ފުލުހުން ވެސް މި މައްސަލައިގައި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.