ވަކީލުންނާ ގުޅޭ ޝަކުވާއާއި މައްސަލަތައް ހުށަހަޅަން ޖެހޭނީ ބާ ކައުންސިލަށްކަމަށް ތުޅާދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަކީލުންނާ ގުޅޭ ޝަކުވާއާއި މައްސަލަތައް ހުށަހަޅުއްވާނީ ބާ ކައުންސިލަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ވަކީލުންގެ ޝަކުވާއާއި މައްސަލަ ހުށަހަޅުއްވަން ޖެހޭނީ ސުޕްރީމް ކޯޓަށް ނޫންކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން މިހެން ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި ޝަރީއަތުގައި އެ މަނިކުފާނާއި ދެކޮޅަށް ވަކާލާތުކުރާ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ވަކީލު އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުމާއި ގުޅިގެންނެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވިކަމަށް ދައުލަތުގެ ވަކީލް އަޑުއެހުމެއްގައި ތުހުމަތު ކުރައްވާފައިވާތީ އާއި އެ މައްސަލައިގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ޝަރީއަތުގައި ދެއްކެވި ކަމަށް ވިދާޅުވެއފައި ވާތީއެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެއްކަށް ނުފޫޒު ފޯރުވިކަމަށް ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތުމުން، އެމަނިިކުފާނު ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ވަނީ އަމުރު ނެރެފައެވެ. އެހެންކަމުން މިއީ ދައުލަތުގެ ވަކީލް ޝަރީއަތުގައި ހެއްދެވި ދޮގެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ.

ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ޕްރޮސިކިއުޓަރުންނާ ގުޅޭ މައްސަލަތައް ބެލުމުގެ ބާރު ލިބިގެން ވަނީ އެ ކައުންސިލަށެވެ.